ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެގެން އާ ކޭސް ރިޕޯޓްކުރާ މިންވަރު ފާއިތުވީ 3 ދުވަހުވެސް ދަށަށް ގޮސްފައިވާކަމަށް ޗައިނާއިން ބުނެފިއެވެ.

މުޅި ޗައިނާއަށް ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން މުޅިން އަލަށް އާދީއްތަ ދުވަހު (މިއަދު) ރިޕޯޓްކޮށްފައިވަނީ 2009 ކޭސް ކަމަށާ، މަރުވި މީހުންގެ އަދަދު އުޅެނީ 142 ގައި ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިދިޔަ ހަފުތާގެ ފަހުކޮޅު އިތުރުވި ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވަނީ، ލެބޯޓްރީތަކުގައި ސާމްޕަލްކޮށްގެން ބަލި ކަށަވަރުކުރުމުގެ ބަދަލުގައި، ޑޮކްޓަރުގެ ނިންމުމުގެ މައްޗަށް ބިނާކޮށް ބައްޔަށް ޕޮޒިޓިވްވި މީހުން ނުވަތަ ކްލިނިކަލީ ޑައިގްނޯޒްޑް ޕޭޝަންޓުން ހިމަނައިގެން ނެވެ.

މި ތަފާސް ހިސާބުތައް އާންމު ކުރެއްވުމުގެ ކުރިން ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޖީ ވިދާޅުވީ، ބަލިޖެހިގެން އަލަށް ރިޕޯޓްކުރާ ކޭސްތައް މަދުވުމަކީ، މި ބަލިމަޑުކަން ޖުމުލަ ގޮތެއްގައި ކޮންޓްރޯލް ވަމުންދާކަން ދައްކުވާދޭ ކަމެއް ކަމަށެވެ. ކޮވިޑް-19އާއި ގުޅިގެން ޗައިނާއިން އަޅަމުންދަނީ ވަރުގަދަ ފިޔަވަޅުތަކެއް ކަމަށާ، މިކަން މިފެންވަރުގައި ކުރެވޭނެ ދެވަނަ ގައުމެއް އޮންނާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ޗައިނާގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގްއިންވަނީ ކަރަންޓީނަށް މަކަރު ހަދާ މީހުންނަށް ހަރުކަށި އަދަބުތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.