ކޮރޯނާވައިރަސްއާ ގުޅިގެން ތިން މީހަކު ކަރަންޓީން ކޮށްފައި ވާކަމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެެވެ.
މިއަދު އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ އެންމެ ފަހުން ކަރަޓީން ކުރެވުނު މީހާ، ކަރަނަޓީން ކޮށްފައި ވަނީ ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި އުސޫލުތަކަށް ގެނުވުނު ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ.
ތިން މީހުން ކަރަންޓީން ކޮށްފައިވާ ކަމަށް ވިދާޅުފައި ވާއިރު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ކޮރޯނާވައިރަސްއާ ގުޅިގެން 2 މީހަކު ކަރަންޓީން ކޮށްފައި ވާކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އެމީހުން ކަރަންޓީން ކޮށްފައިވަނީ އެ 2 މީހުން ޗައިނާއަށް ދަތުރުކޮށްފައި ވާތީކަމަށެވެ. އަދި އެމީހުން ކަރަންޓީން ކޮށްފައި ވަނީ ފަރުކޮޅުފުށީގައި ކަމަށާއި އެ ދެ މީހުންނަކީ ދެ ދިވެހިން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އެމީހުން އެ ރަށުގައި ކަރަންޓީން ކޮށްފައި ވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިގެން ނޫންކަމަށާއި އެއީ ސަލާމަތާއި ރަށްކާތެރިކަމަށްޓަކައި، މިމަހުގެ ތިންވަނަ ދުވަހު ނެރުނު "ޓްރެވަލް އެޑްވައިޒަރީ" އަށް އަމަލު ކުރުމަށް ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
ހަލުވި ކަމާއެކު ފެތުރޭ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ ޗައިނާއަށް ވީ އިރު މިހާތަނަށް 1368 މީހުން މި ބަލީގައި ވަނީ މަރުވެފައި ވެއެވެ. ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ހުއްޓާލާފައެވެ. ނަމަވެސް، ޓްރާންސިޓް ފްލައިޓުގައި އަދިވެސް ޗައިނާ ފަތުރުވެރިން ރާއްޖެ އާދެއެވެ.