ތުހުމަތު އެކުލެވޭ ފަންޑުތަކެއްގެ މައްސަލާގައި، ނަން މަޝްހޫރު ބޮޑެތި ޔުނިވާސިޓީތަކަކާ ގުޅޭ ތަހުގީގުތަކެއް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

އެމެރިކާގެ ތައުލީމާ ބެހޭ ވުޒާރާއިން ތަހުގީގު ކުރަމުންދަނީ މަޝްހޫރު ހާވަޑް އަދި ޔޭލް ޔުނިވާސިޓީއަށް، ތުހުމަތު އެކުލެވޭ ފަންޑުތަކެއް ލިބި، އެކަން ހާމަކޮށްފައި ނުވާ މައްސަލާގައެވެ. މި ސިއްރު ފަންޑުތައް ލިބިފައިވަނީ ބޭރުގެ ގައުމުތަކުން ކަމަށާ، އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އަދި ޗައިނާވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ތައުލީމާ ބެހޭ ވުޒާރާއިން ބުނީ ބޭރުގެ ގައުމުތަކުން ހަދިޔާގެ ގޮތުގައި ލިބިފައިވާ ފަންޑުގެ ތަފްސީލުތައް ބޮޑެތި ޔުނިވާސިޓީތަކުގެ ރިޕޯޓްތަކުގައި ހިމަނާފައި ނުވާކަމަށާ، އެ ފަންޑުތަކުގެ އަގު، އެތައް ސަތޭކަ މިލިއަން ޑޮލަރަކަށް އަރާ ކަމަށެވެ.

ހާވަޑްއާއި ޔޭލްއިން ވަނީ އެމެރިކާ ސަރުކާރުން ހިންގާ ތަހުގީގުތަކަށް އެ ޔުނިވާސިޓީތަކުން ރައްދު ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ގާނޫނު ބުނާ ގޮތުގައި 250000 ޑޮލަރަށްވުރެ އިތުރަށް ބޭރުގެ ކޮންމެ ފަރާތަކުން ކަމުގައި ވީ ނަމަވެސް ތައުލީމު ފޯރުކޮށްދޭ މުއައްސަސާއަކުން އެކަން ރިޕޯޓްކުރަންޖެހެއެވެ. މިދަނޑިވަޅަކީ މިފަދަ ހަދިޔާތައް ވީހާވެސް މަދު ކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްވެސްމެއެވެ.

ބޭރުގެ ފަންޑުތަކެއްގެ ހަގީގަތް ފޮރުވި މައްސަލާގައި ހާވަޑް ޔުނިވާސިޓީ ބެދިފައިވާއިރު، އެޔުނިވާސިޓީގެ މުވައްޒަފުންތަކަކާ ޗައިނާ ސަރުކާރާ ގުޅުންތަކެއް އޮތް މައްސަލަތަކެއްވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.

އައިވީ ލީގް ޔުނިވާސިޓީ ނުވަތަ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުގެ ރޭންކުގައި ހިމެނޭ ޔުނިވާސިޓީތަކަށް، 2013 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ބޭރުގެ ފަރާތްތަކުން ފޯރުކޮށްދީފައިވާ އެހީއާއި ފަންޑު އަދި ހަދިޔާގެ ތަފްސީލުތައް، ސަރުކާރަށް ފޯރުކޮށްދިނުމަށް އެމެރިކާގެ ތައުލީމާ ބެހޭ ވުޒާރާއިންވަނީ ގޮވާލާފައެވެ.