ކޮވިޑް-19 ނުވަތަ ޗައިނާއިން އުފެދި ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ނުރައްކާތެރި ވައިރަހަށް ޖަޕާނުން ޕޮޒިޓިވްވި މީހުންގެ އަދަދު އަދިވެސް އިތުރުވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ގާތްގަނޑަކަށް 3700 އެއްހާ މީހުންނާއެކު ދަތުރުކުރަމުންދިޔަ "ޑައިމަންޑް ޕްރިންސަސް" ކުރޫޒްލައިނާ، ޖަޕާނުގެ ޔޮކޮހާމާ ބަނދަރުގައި ކަރަންޓީނުކޮށްފައިވަނީ އެ ކުރޫޒްއިން ދަތުރުކުރުމަށްފަހު ހޮންގްކޮންގްއަށް ފޭބިމީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ކުރޫޒް ކަރަންޓީނުކުރުމަށްފަހު، ވައިރަހުގެ އަސަރުކޮށްފައިވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ މީހުންގެ ޓެސްޓްތައް ހަދާފައިވާއިރު، އިއްޔެވެސް އިތުރު 39 މީހަކު ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު "ޑައިމަންޑް ޕްރިންސަސް" ކުރޫޒްއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 175އަށް އަރައެވެ. އެންމެ ފަހުން ޕޮޒިޓިވްވިކަން ކަށަވަރުވި މީހުންގެ ތެރޭގައި ކަރަންޓީނު އޮފިސަރެއްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19އާއި ކުރިމަތިލާނެ އިތުރު މަގުތައް ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދަން ރާވާފައިވާއިރު، މި ވައިރަހުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ، ޓެރަރިމަށްވުރެ ނުރައްކާ ބޮޑު ނަތީޖާތަކެއް ކަމަށް އެ ޖަމިއްޔާގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑްނޮމް ގެބްރިޔޭސޫސް ވަނީ ވިދާޅުވެފައެވެ.