ގާތްގަނޑަކަށް 2 މަސްދުވަސް ފާއިތުވީއިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ހޯދިފައިވާ ނުރައްކާތެރި ކޮރޯނާވައިރަހުގެ އާ ރޯގާ ނުވަތަ 'ކޮވިޑް-19'ގެ ބިރުވެރިކަން އޮތް ކަމަށް ބުނެ، "ވެސްޓަޑޭމް" ނަމަކަށް ކިއާ ކުރޫޒްލައިނާއަކަށް އެ ގައުމުގައި ބަނދަރުކުރުމުގެ ހުއްދަ ނުދިނުމަށް ތައިލޭންޑްއިން ނިންމައިފިއެވެ.

1450 އެއްހާ ފަސެންޖަރުންނާއެކު ދަތުރުކުރަމުންދާ މި ކުރޫޒްލައިނާއަށް އެގައުމުގައި ބަނދަރުކުރުމުގެ ހުއްދަ ނުދިނުމަށް ތައިލޭންޑްއިން ނިންމާފައިވާއިރު، ޖަޕާން، ޓައިވާން، ގުއާމް އަދި ފިލިޕީންސްއިންވަނީ އެ ގައުމުތަކުގައި މި ކުރޫޒްލައިނާއަށް ބަނދަރުކުރެވެން ނެތްކަމަށް ބުނެފައެވެ.

"ވެސްޓަޑޭމް" ކުރޫޒްލައިނާގެ ބެލެނިވެރި ކުންފުނި ކަމަށް ހޯލަންޑް އެމެރިކާ ލައިންއިން ބުނީ، އެ ކުރޫޒްލައިނާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހަކު ހުރިކަމަށް ގަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ރާވާފައިވާ ގޮތަށް ކަން ހިނގަމުންދާނަމަ ބުރާސްފަތި ދުވަހު ބެންކޮކްގައި ބަނދަރުކުރަންޖެހޭ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. ކަންމިހެން އޮތް ނަމަވެސް، އެ ފުރުސަތު ނުދިނުމަށް ތައިލޭންޑްގެ ކަމާ ބެހޭ ފަރާތްތަކުން ނިންމާ، އެކަން އެންގީ އަންގާރަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

"ވެސްޓަޑޭމް" ބަނދަރުކުރުމުގެ ހުއްދަ ނުދިން ކަމުގައި ވީ ނަމަވެސް، އެ ކުރޫޒްލައިނާގެ ދަތުރަށް ބޭނުންވާ ތެލާ، ފަސެންޖަރުންނަށް ބޭނުންވާ ބޭސްފަރުވާއާއި، ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައިލޭންޑް އޮތީ ތައްޔާރަށްކަން ވަނީ ހާމަކޮށްފައެވެ.

ހޯލަންޑް އެމެރިކާ ލައިންއިން ބުނީ ކުރޫޒްލައިނާ އޮތީ ކަރަންޓީނުގައި ނޫންކަމަށާ، މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް، ކުރޫޒްލައިނާގައި ތިބި ބައެއް ފަސެންޖަރުން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ތައިލޭންޑަށް ފޭބެން ނެތްކަން އެ ފަސެންޖަރުންނަށް ފުރަތަމަ އެނގުނީ، މީޑިއާ ރިޕޯޓްތަކުން ކަމަށް ބުނެ، ފަސެންޖަރުން ދަނީ ނުރުހުންފާޅުކުރަމުންނެވެ.

ދަތުރު ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހު ބެންކޮކަށް ފޭބުމަށްފަހު، ވައިގެ މަގުން އެނބުރި އަމިއްލަ ވަޒަނަށް ދިއުމަށް ކަމަށްވެފައި، ބެންކޮކަށް ނުފޭބޭނެކަން ކުރޫޒްލައިނާއިން ދުރާލާ އަންގައިފައި ނުވާތީ، ބައެއް ފަސެންޖަރުން ދަނީ، ފްލައިޓް ކެންސަލް ކުރަން ވަގުތު ދީފައި ނުވާކަން ފާހަގަކޮށް، ނުރުހުންފާޅުކުރަމުންނެވެ.

ޖަޕާނުގައި ކަރަންޓީނުކޮށްފައިވާ ކުރޫޒްލައިނާ

ކޮރޯނާވައިރަހުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ބޮޑު ލޮޅުމެއް އަރަމުންދާ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. އެގޮތުން 3700 އެއްހާ މީހުންނާއެކު ދަތުރުކުރަމުންދިޔަ "ޑައިމަންޑް ޕްރިންސަސް" ނަމަކަށް ކިއާ ކުރޫޒްލައިނާއެއް މިހާރު އޮތީ ޖަޕާނުގެ ޔޮކޮހާމާ ބަނދަރުގައި ކަރަންޓީނުކޮށްފައެވެ. މި ކޫރުޒްލައިނާއިން 135 މީހަކު މިހާރު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ހޮންގްކޮންގްގައިވެސް ކުރޫޒްލައިނާއެއް ކަރަންޓީނުކޮށްފައި އެބައޮތެވެ. މި ކުރޫޒްލައިނާގައި ތިބި އެންމެން ވަނީ ކޮވިޑް-19އަށް ނެގެޓިވްވެފައެވެ.