2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރު ވިއްކަމުންދިޔަ ސީފުޑް މާކެޓަކުން އުފެދި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ރޯގާ (2019-އެންކޯވް)ގެ ރަސްމީ ނަމަކީ "ކޮވިޑް-19" (COVID-19) ކަމުގައި ހަމަޖައްސާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އެކަން އިއުލާންކޮށްފިއެވެ.
"ކޮވިޑް-19" މި ނަމުގައި ހިމެނޭ 'ކޮވި' ރަމްޒުކޮށްދެނީ މި ވައިރަސް ނިސްބަތްވާ ކޮރޯނާވައިރަހުގެ އާއިލާއެވެ. 'ޑީ' ރަމްޒުކޮށްދެނީ ޑިޒީޒް ނުވަތައް ބައްޔެވެ. '-19' ރަމްޒުކޮށްދެނީ ބަލި ފެށިގެން އައި އަހަރު ކަމަށްވާ 2019 ވަނަ އަހަރެވެ.
މީޑިއާތަކުގައި މި ރޯގާއަށް މުހާތަބު ކުރަނީ ކޮރޯނާވައިރަހުގެ ނަމުންނެވެ. ނަމަވެސް އެއީ ރޯގާ ޖައްސާ އާ ވައިރަސް ނިސްބަތްވާ އާއިލާގެ އާންމު ނަމެވެ. ޗައިނާގެ ވޫހާންގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓަކުން މިދިޔަ އަހަރުގެ ފަހުކޮޅު އުފެދިގެން އައި ކޮރޯނާވައިރަހުގެ އާއިލާގެ އާ ވައިރަހަށް، ސިއްހީ ތަޖުރިބާކާރުން ދިން ވަގުތީ ނަމަކީ 2019 ނޯވެލް ކޮރޯނާވައިރަސް (ކޮރޯނާވައިރަހުގެ އާ ރޯގާ) ނުވަތަ "2019-އެންކޯވް)އެވެ. ނަމަވެސް، މިއީ ގިނަ ބަޔަކަށް ކިޔަން މާ ފަސޭހަ ނަމަކަށް ނުވެ، ހަމައެކަނި އެކަނި ކޮރޯނާވައިރަހުގެ ނަމުން މުހާތަބު ކުރަން ފެށުނީ ކަމަށް ބުނެވިދާނެއެވެ.
ކޮވިޑް-19: ނަންދިނުމުގައި ބެލީ ކޮން ކަމަކަށް؟
މާޒީގައި ހިނގާފައިވާ ބައެއް ހާދިސާތަކަށް ރިއާޔަތްކޮށް، 2019-އެންކޯވްއަށް ރަސްމީ ނަމެއް ދިނުމުގައި އަންނަނިވި ކަންކަން ނުހިމެނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމިއެވެ. އެއީ:
- ޖިއޮގްރަފީ ގޮތުން އުފެދިފައި އޮންނަ މަންޒިލެއްގެ ނަން
- މީހުންގެ ނަން
- ކާއެއްޗެއް ނުވަތަ ޖަނަވާރެއްގެ ނަން
- ވަކި ސަގާފަތެއް ނުވަތަ ސިނާއަތަކަށް ހަވާލާދެވޭ ނަން
2019-އެންކޯވްއަށް ރަސްމީ ނަމެއް ދިނުމުގެ މަސައްކަތް، އިންޓަނޭޝަނަލް ކޮމިޓީ އޮން ޓެކްސޮނޮމީ އޮފް ވައިރަސަސް ނުވަތަ އައިސީޓީސީގެ ސްޓަޑީ ގްރޫޕުން ފެށީ މީގެ 2 ހަފުތާއެއްހާ ދުވަސްކުރިންނެވެ.