އެއް ތަނަކުން އަނެއް ތަނަކަށް ހިޖުރަ ކުރާއިރު އެމީހެއްގެ ރަށްވެހިކަން ގެއްލިގެން ނުވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މާލޭގައި ބޯހިޔާވެހިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ގޮވާލައްވައި ކާށިދޫ ދާއިރާގެ މެންބަރު މިއަދު މަޖިލީހުގައި ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ. މިގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެނާއަކީ މިހާރު މާލެ ބޭފުޅެއް ކަމަށެވެ. މާލެ ބޭފުޅަކަށްވީ މާލެއިން ގެދޮރު ގަނެގެން އުޅޭތީ ކަމަށާއި ނަމަވެސް އޭނާ އުފަންވީ ކޮލަމާފުއްޓަށް ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މިހާރު ޖާބިރަކީ ކާށިދޫ ދާއިރާގެ މެންބަރު ކަމަށާއި ކާށިދޫގެ ޖާބިރު ނުވަތަ ގާފަރުގެ ޖާބިރުގެ ލަގަބުވެސް އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ޖާބިރު ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ބިން ހިއްކާފައި މާލޭގެ ރައްވެއްސެކޭ ރާއްޖެތެރޭ ރައްވެއްސޭ ކިޔައިގެން މިއުޅޭ ވާހަކަތައް ދޫކޮށްލަން ޖެހޭ ކަމަށެވެ. މީ ދިވެހި ރަށްވެހިން ކަމަށާއި ދިވެހިންނަކީ ދިވެހިން ކަމަށް ޖާބިރު ވިދާޅުވިއެވެ. ވަކި ރަށެއްގެ ރަށްވެއްސަކަށް ވީތީ ގޯތި ގަނެވޭގޮތަށް ނުވަތަ ވަކި ރަށެއްގައި ރަށްވެއްސަކަށް ނޫން މީހަކަށް ގޯތި ގަނެވޭ ގޮތަށް އޮންނަ އޮތުން ދޫކޮށްލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އިޓާލީގައި ހުންނަ މީހަކު ރޯމުން ގެއެއް ގަންނާކަށް އޭނާގެ ރަށްވެހިކަން ދޫކޮށްލާކަށް ނުޖެހޭނެ ކަމަށާއި އިންޑީއާގެ ޓްރިވެންޑްރަމްގައި ހުންނަ މީހަކު ބޮމްބޭއިން ގޯއްޗެއް ގަންނަން ރަށްވެހިކަން ދޫކޮށްލަން ނުޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އައްޑު އަތޮޅު ހުޅުދޫ މީހަކު މީދޫއިން ގޯއްޗެއް ގަންނަން ހުޅުދޫކަން ދޫކޮށްލާކަށް ނުޖެހޭ ކަމަށްވެސް އެނާ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ ހާލަތަށް ބަލާލާއިރު ބިން ހިއްކަނީ ބޯހިޔާވަހިކަން ގެރެންޓީކުރަން ކަމަށާއި އެހެންކަމުން ރާއްޖޭގެ ރައްޔިތުންގެ ފައިސާއިން ބިންހިއްކާފައި އެ ބިންތައް އިއުލާން ކުރާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ނަމަަވެސް ބިން ހިއްކާފައި ބޮޑު އަގުގައި ބިން ވިއްކަން ފެށީމައި މުއްސަނދި ދެތިން ކުންފުންޏަކުން ބިން ގަނެލަނީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ފޮރުކޮށްދިނުމަށްޓަކައި އެންމެ ރަނގަޅު "ފޯމިއުލާ" އަކީ ތާރީހުގައި ކަންކުރި ގޮތް ކަމަށް ޖާބިރު ވިދާޅުވިއެވެ. އެއީ މާލެ ހިއްކިއިރުގައި ގޯނިޖަހައިގެން ވިޔަސް އެތަން ހިއްކައިގެން އެމީހަކު ހުންނަނީ އެތަނަށް އޭނަ ގެދޮރު އަޅައިގެން ގޮސް ކަމަށް ޖާބިރު ވިދާޅުވިއެވެ.
މިހާރު ހުޅުމާލެ އެއޮތީ ހިއްކާފައި ކަމަށާއި އަދި ގްރޭޓާ މާލެ ޕްރޮޖެކްތް ކުރިއަށް ދާ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ. ދިއްދޫއާއި ކުޅުދިއްފުށީގައި ބިން ހިއްކާފައިވާ ކަމަށާއި އަދި ރާއްޖޭގެ އެކި ހިސާބުތަކުން ބިން ވަރަށް ބައިވަރު ހިކިއްޖެ ކަމަށާއި ނަމަވެސް އެއިން ތަނަކުން ގޯއްޗެއް ނުދޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ބޮޑެތި އަގުގައި އެތަންތަން ޓެންޑަރުކޮށްގެން ވިއްކީމައި ބޯހިޔާވަހިކަމަށް ހައްލެއް ނާންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އޭނާ ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޖަޒުބާތުގައި ނުޖެހި ވަރަށް ސީރިއަސްކޮށް ބޯހިޔާވަހިކަމާ ބެހޭގޮތުން މި މަޖިލީހުގައި ވާހަކަދައްކަން ޖެހޭ ކަމަށެވެ. ކަންތައް ކުރަންޖެހޭނީ ދައުލަތުގެ ކެރިކުޅަދާނަ މިންވަރަކުން ކަން އެނގިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމަކީ ފަރުދުންގެ ތެރޭގައި ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި އަހުލާގީ މިންގަނޑެއްގެ ތެރޭގައި އުޅުމަށްޓަކައި ބޯހިޔާވެހިކަމެއް ބޭނުންވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.