ޖީއެމް ފޯރަމް (ޖެނެރަލް މެނޭޖާސް ފޯރަމް) 2020 ގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖއްސައިފިއެވެ.
އުރީދޫން ބުނީ ހޮޓެލިއާ މޯލްޑިވްސްއިން ބާއްވާ ޖީ.އެމް ފޯރަމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބްރޭންޑްތަކުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު މާހިރުން އެއްތަން ވެ ދާއިރާގެ ކުރިމަގު ބައްޓަން ކުރުމަށް ވާހަކަ ދެއްކޭ، ކޮންމެހެންވެސް ބައިވެރިވުން މުހިއްމު އިވެންޓެކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ކަމަށާއި އެގޮތުން މިއަހަރުގެ ޖީއެމް ފޯރަމް އަކީވެސް ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް މުހިންމު އަދި ކާމިޔާބު ފޯރަމްއަކަށް ވާނޭކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ފޯރަމާއި ގުޅޭގޮތުން ހޮޓެލީއާ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓާ މޮހައްމަދު މަމްދޫހު ވިދާޅުވީ ދެމަހެއްޓެނިވި ގޮތެއްގައި އެންމެ ފުރިހަމަ އަދި ޒަމާނީ ހިދުމަތަކެށް ފޯރުކޮއް ދިނުމަށް، ފަތުރުވެރިކަމުގެ ދާއިރާއަށް ޓެކްނޮލޮޖީގެ އެހީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އެގޮތުން ގެސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ގާއިމް ކުރުމުގައިވެސް ޓެކްނޮލޮޖީ މުހިއްމު ރޯލެއް އަދާކުރާ ކަމަށާއި އެހެންކަމުން، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާފުޅާކޮށް ބައިނަލްއަގުވާމީ ފެންވަރުގު ހިދުމަތްތައް ގެނެސްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވާ އުރީދޫ މޯލްޑިވްސް ޖީއެމް ފޯރަމްގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ޕާޓްނާވުމީ އުފާ ކުރާކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އުރީދޫގެ ޕާޓްނާޝިޕް އާއި އެކު މި އަހަރުގެ ފޯރަމް އިތުރު ފުރިހަމަ ކަމާއި ކާމިޔާބުކަމާއެކު ކުރިއަށްދާނެކަން ޔަގީން ކުރައްވާކަމަށްވެސް މަމްދޫހު ވަނީ ވިދާޅުވެފައެވެ.
އުރީދީއިން ބުނީ މިއަހަރުގެ ޖީއެމް ފޯރަމްް ކުރިއަށް ދާނީ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކަމަށެވެ. އަދި އެ ފޯރަމްގައި، 100 އަށް ވުރެ ގިނަ، ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ބައިވެރިވާނެ ކަމަށްވެސް އުރީދޫން ބުނެއެވެ. އެގޮތުން، ހޮޓެލް އަދި ރިސޯޓް ތަކުގެ ޖެނެރަލް މެނޭޖަރުން، ހޮޓެލިއަރުން، ހޮޓެލް މެނޭޖްމަންޓް ކުންފުނިތަކުގެ ވެރިންނާއި ޑިވެލޮޕަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އުރީދޫން ބުނެއެވެ.