ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހަށް އަވަށްޓެރި އިންޑިއާއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ޕޭޝަންޓަށް ފަރުވާދީ، ބަލި ފަސޭހަ ކުރަމުންދާއިރު، އެންމެ ފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާ ދައްކާ ގޮތުން އޭނާ މިހާރު 2019-އެންކޯވްއަށް ނެގެޓިވް ކަމަށް އިންޑިއާއިން ރިޕޯޓްކޮށްފިއެވެ.

20198-އެންކޯވް ނުވަތަ ކޮރޯނާވައިރަހުގެ އާއިލާގެ އާ ރޯގާއަށް އިންޑިއާއިން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ، ބަލީގެ ފެށުން ކަމަށްވާ ޗައިނާގެ ވޫހާން ސިޓީގައި ތައުލީމު ހާސިލުކުރަން ހުރުމަށްފަހު އިންޑިއާއަށް އެނބުރި އައި ދަރިވަރެކެވެ. އޭނައަށް ކޮރޯނާވައިރަހުގެ އަސަރުކޮށްފައިވާކަން ކަށަވަރުވީ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ކެރެލާގައި ހުރި މި ދަރިވަރުގެ ހަށިގަނޑުން މިހާރު ވައިރަހުގެ އަސަރު ފެންނަން ނެތްކަމަށް ރިޕޯޓްތަކުން ދެއްކި ކަމަށް ވީ ނަމަވެސް، އޭނާ އަދިވެސް ބަހައްޓާނީ މެޑިކަލް އޮބްޒަވޭޝަންގައި ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޗައިނާގެ ވޫހާން ސިޓީން 7 ދިވެހިން އިންޑިއާއަށް ގެންދިޔަ ފްލައިޓުގެ ކްރޫ

މި ދަރިވަރުގެ ހަށިގަނޑުން 5 ފަހަރެއްގެ މަތިން މިހާތަނަށް ސާމްޕަލް ނަގައިގެން ޓެސްޓުތައް ހަދާފައިވާއިރު، 2019- އެންކޯވްއަށް ނެގެޓިވް ވެފައިވަނީ އެންމެ ފަހުން ހެދި 5 ވަނަ ޓެސްޓުން ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ބަލި މުޅިން ފަސޭހަ ވި ކަމަށް ކަނޑައަޅާނީ، ދެން ހަދާ ޓެސްޓުތަކުގެ ނަތީޖާއިންވެސް 2019-އެންކޯވްއަށް ނެގެޓިވްކަމަށް ދެއްކުމުންނެވެ. މިއާއެކު އެ ދަރިވަރު ވެގެންދާނީ އިންޑިއާއިން 2019-އެންކޯވްއަށް ފަރުވާ ހޯދި ފުރަތަމަ ޕޭޝަންޓްއަށެވެ.

އެ ސްޓޭޓުން 3 މީހަކު މި ވައިރަހަށް ޕޮޒިޓިވްވުމާއެކު ކެރެލާއިން ވަނީ ސްޓޭޓް ފެންވަރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެ ސްޓޭޓްގައި މިހާރުވެސް 200 އެއްހާ މީހުން ކަރަންޓީނު ކޮށްފައިވާއިރު، 3000 އެއްހާ މީހުން އޮބްޒަވޭޝަންގައި އެބަތިބި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވުހާން ސިޓީއިން އިވަކުއޭޓްކުރި 7 ދިވެހިންވެސް ތިބީ އިންޑިއާގައި ކަރަންޓީނުކޮށްފައެވެ. އެ ހުރިހާ އެންމެންވެސް 2019-އެންކޯވްއަށް ނެގެޓިވްވެފައިވާކަން، ދިވެހި ދިފާއީ ވަޒީރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.