އުތުރުގެ ރަށެއްގައި 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ

ފުލުހުން ބުނީ، އަޕާ ނޯޓް ޕޮލިސް ޑިވިޝަން (ހއ. ހދ. އަދި ށ އަތޮޅު ހިމެނޭ ޑިވިޝަން) ގެ ރަށެއްގައި 6 އަހަރުގެ އަންހެން ކުއްޖަކަށް، ހަމައެރަށުގެ ފިރިހެނެއް ޖިންސީ ގޯނާ ކުރާ މައްސަލައެއް ފުލުހުންނަށް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ފިރިހެން މީހާ އަކީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މި މައްސަަލއިގައި ތުހުމަތު ކުރެވޭ ފަރާތް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން މި މަހުގެ 6 ވަނަ ދުވަހު ލ އަދި ތ އަތޮޅު ހިމޭނޭ ރަށެއްގައި ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ހަމަ އެ ދުވަހު އުތުރުގެ ރަށެއްގައި ދޮން ބައްޕައެއް 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ފުލުހުން ބުނީ، މިފަދަ މައްސަލަތައް ފުލުހުން ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި މައްސަލައިގައި ހިމެނޭ ކުޑަކުދިންގެ އަތޮޅާއި ރަށް ފުލުހުން ހާމަ ނުކުރާނެ ކަމަށެވެ.