ޖަޕާނުގައި ޔޮކޮހާމާ ބަނދަރުގައި ކަރަންޓީނުކޮށްފައިވާ "ޑައިމަންޑް ޕްރިންސަސް" ކުރޫޒްލައިނާއިން އިތުރު 66 މީހަކު، ނުރައްކާތެރި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށާ، މިއާއެކު އެ ކުރޫޒްއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 136އަށް އަރާފައިވާކަމަށް އެ ކުރޫޒްގެ ކެޕްޓަން އިއުލާންކޮށްފިއެވެ.

މިހާ ގިނަ އަދަދެއްގެ މީހުން 2019-އެންކޯވްވިކަމަށް ކުރޫޒްލައިނާގެ ކެޕްޓަން އިއުލާންކުރި ނަމަވެސް، ޖަޕާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން އަދި އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން މި ކުރޫޒްލައިނާ ކަރަންޓީނު ކުރިފަހުން، ޖަޕާނުގެ އޮފިޝަލުން ވަނީ އެންމެ ފަހުގެ ހާލަތު އަބަދުވެސް މީޑިއާއަށް ތަފްސީލުކޮށްދެއްވާފައެވެ.

ޔޮކޮހާމާގައި އޮތް ކުރޫޒްލައިނާގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާއިރު، މިއީ ޗައިނާއިން ބޭރުން މި ވައިރަސް ޖެހިގެން އެންމެ ގިނަ އަދަދަކަށް ރިޕޯޓްކުރަމުންދާ ލޮކޭޝަންއެވެ. 2600 އެއްހާ ފަސެންޖަރުންނާ 1000 ކުރޫއިންނާއެކު ޖުމުލަ 3600 އެއްހާ މީހުން ދަތުރުކުރަމުންދިޔަ "ޑައިމަންޑް ޕްރިންސަސް" ކުރޫޒްލައިނާ ކަރަންޓީނު ކުރީ، އެ ކުރޫޒްއިން ހޮންގްކޮންގްއަށް ބޭލި މީހަކު 2019-އެންކޯވްއަށް ޕޮޒިޓިވްވުމާ ގުޅިގެން، ކުރޫޒްލައިނާގައި ހެދި ބައެއް ޓެސްޓުތަކުން އިތުރު ފަސެންޖަރުންތަކެއްވެސް މި ވައިރަހަށް ޕޮޒިޓިވް ވަމުންދާތީއެވެ.

ކުރޫޒްލައިނާގައި 3600 އެއްހާ މީހުން ތިބިއިރު ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ޓެސްޓުކުރަމުންދަނީ ވައިރަހުގެ ނުރައްކާ އޮތްކަމަށް އެންމެ ބޮޑަށް ބެލެވޭ މީހުން ކަމަށްވާއިރު، ބޯޓުގައި ތިބި މީހުން ދަނީ ހުރިހާ އެންމެން ސްކްރީންކޮށްދިނުމަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ. އާދީއްތަ ދުވަހާ ހަމައަށްވެސް ޖަޕާނުގެ ސަރުކާރުން ބުނަމުންދިޔައީ ހުރިހާ އެންމެން ސްކްރީންކޮށްދެވޭނެ ގާބިލުކަން ނެތްކަމަށެވެ. ނަމަވެސް ޖަޕާނުގެ ސަރުކާރުން މިހާރު ވަނީ، ގޮންޖެހުންތަކަކާއެކުވެސް މިކަން ކުރުމަށް ފުރުސަތު އޮތް މިންވަރަކުން އެކަން ކުރަން ވިސްނަމުން ކަމަށް ޚަބަރު ލިބެއެވެ.