ތާރީހު ދެކެފައިނުވާ ވަރުގެ ނުރައްކާތެރި ކާރިސާއެއް، ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގައި ނިއުޅެމުން އަންނަ ކަމުގެ އިންޒާރު، އިންސާނީ އެހީދޭ މަސައްކަތްތެރިންނާ، ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ދީފިއެވެ.

ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދަކީ ރައީސް ބައްޝާރުލް އަލް-އަސަދުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮތް ހަމައެކަނި ސަރަހައްދުކަމަށްވާއިރު، އެސަރަހައްދުގެ ބާރު ސަރުކާރަށް ނެގުމުގެ ނަމުގައި، ރަޝިޔާގެ އަސްކަރިއްޔާއާއި އީރާނުގެ ހަނގުރާމަވެރިންނާއެކު ސޫރިޔާގެ ސަރުކާރަށް އެއްބާރުލުންދޭ އަސްކަރީ ބާރުތަކުން ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުންދާ ސަރަހައްދެކެވެ.

ސީރިޔާ ރިލީފް އެންޑް ޑިވަލޮޕްމަންޓްގެ ނަމުގައި އޮޕަރޭޓްކުރާ ސޫރިޔާގެ އެންޖީއޯއަކަށް މަސައްކަތްކޮށްދެމުން އަންނަ އުބައިދާ ދާންދޫޝް ބުނީ، އެސަރަހައްދުގެ އާންމު ހާލަތު އޮތީ މިދިޔަ އަހަރާ އަޅާ ބަލާއިރު 20 ގުނަ ދަށުގައި ކަމަށެވެ. ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި 1.2 މިލިއަން މީހުންގެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާކަން އޭނާ ފާހަގަކުރިއެވެ.

3 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގެ ކޮންޓްރޯލު ހޯދުމަށް އަސަދަށް އެއްބާރުލުންދޭ ސަލާމަތީ ބާރުތަކުން މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުއެވެ. ނަމަވެސް މަސްރަހު ހޫނުވެ، ކަންތައްތައް ގޯހުން ގޯހަށް ދާން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގައި ހަނގުރާމަ ގަދަވުމުގެ ސަބަބުން އަމިއްލަ ގެދޮރުގެއްލިފައިވާ އާއިލާއެއް/ފޮޓޯ: ޚަލީލު އަޝާވީ

އދގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ޑިސެމްބަރުން ފެށިގެން އަދާ ހިސާބަށް އާދެވުނުއިރު، އެސަރަހައްދުގައި ހިންގާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް 586000 އެއްހާ މީހުންވަނީ އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށްލާފައެވެ. ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ.

ޖަނަވަރީ 26 ވަނަ ދުވަހާ ފެބުރުވަރީ 2 ވަނަ ދުވަހާ ދެމެދު އެކަނިވެސް 200000 އެއްހާ މީހުންނަށް، އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށްދާން މަޖުބޫރުވިއެވެ. މިކަން މެދުވެރިވަނީ ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދު ނުވަތަ އިދްލީބު ޕްރޮވިންސަށް އަމާޒުކޮށް އެއްގަމާ ވައިގެ މަގުން ދޭ ހަމަލާތައް ވަރުގަދަވުމުގެ ސަބަބުންނެވެ. މި ހަމަލާތަކުގެ ނަތީޖާއަކަށްވަނީ އަމިއްލަ ވަޒަން ދޫކޮށްލަން މަޖުބޫރުވުމެވެ. ނޫންނަމަ ދެން އޮތް ގޮތަކީ އިދްލީބްގައި ތިބެ، ހަމަލާތަކުގެ ޝިކާރައަކަށްވެ މަރުވުމެވެ.

އިންސާނީ ޒަރޫރީ ބޭނުންތައް ފުދޭ ވަރުވެސް އިދްލީބުގައި ނެތެވެ. އިންސާނީ އެހީތެރިކަން ލިބުން ދައްޗެވެ. މޫސުންވެސް އޮތީ އެދެވޭ ގޮތަކަށް ނޫނެވެ. ސާފު ބޯފެނާ، ބޭސްފަރުވާގެ ހިދުމަތްތައް ލިބުން ތަދެވެ. ފިނި މޫސުމުގައި ބޭނުންކުރާނެ އަންނައުނެއް ނުލިބިއެވެ. ހަކަތައިގެ ދަތިކަމާ، ވަގުތީ ބޯހިޔަވަހިކަމުގެ ޓެންޓު ލިބުން ދައްޗެވެ. އަސްކަރީ ހަމަލާ ބަދަލުކުރުންތަކުގައި އެއްބައެއްގެ ފުރާނަ ގެއްލެމުންދާއިރު، ފިނިހޫނުމިން ދަށްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެގެން މަރުވާ މީހުންވެސް މަދެއް ނޫނެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

އިދްލީބަށް އިންސާނީ އެހީ ލިބުން ދަތިވެފައިވަނީ، ސޫރިޔާގައި ހަރަކާތްތެރިވަމުންދިޔަ އިންސާނީ އެހީދޭ ގިނަ ޖަމާއަތްތަކަކުން އެ ގައުމު ދޫކޮށް ދާން ފެށުމުންނެވެ. ކަންމިހެން އޮތްއިރު، އަވަސް ފުރުސަތެއްގައި މިކަމަށް ބަދަލެއް ގެނެސް، އިދްލީބަށް އިންސާނީ އެހީ ލިބެން ނުފަށައިފިނަމަ، ޔަމަނުގައި އޮތް ދަރަޖައަށް ބަނޑުހައިހޫނުކަމުގެ ހާލަތު ގޯސްވެގެންދާނެ ކަމަށް ދާންދޫޝް ވަނީ ފާހަގަކޮށްފައެވެ. ޔަމަނުގައި އޮތް އިންސާނީ ކާރިސާއަކީ އދއިން ސިފަކުރާ ގޮތުގައި މިފަހުގެ ތާރީހު ދުށް މިފަދަ އެންމެ ހިތްދަތި ކާރިސާއެވެ.

އިދްލީބުގެ އާންމު ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ޗަކަގަނޑުގެ މަތީގައި ކުނަލެއް އަޅައިގެން ނިދާ މީހުން މަދެއް ނޫނެވެ. ހާމަ ހުސްބިންތަކުގައެވެ. ނޫނީ ގަހެއްގެ ހިޔަލުގައެވެ. އެނޫން އެއްވެސް ނިވަލެއް ނެތި، ކުޑަކުދިން ގޮވައިގެން އުޅޭ ހުވަފަތް އަނބިންވެސް އެބަތިއްބެވެ.

ސޫރިޔާގެ ސަރުކާރަށް އެއްބާރުލުންދޭ އަސްކަރިއްޔާއިން އިދްލީބަށް ހަމަލާދީ އިމާރާތްތައް ސުންނާފަތިކޮށްފައިވާއިރު އާންމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ/ފޮޓޯ: އަނަދޯލޫ އޭޖެންސީ

ފައިސާ ކޮޅެއް ލިބޭ މީހަކު ނަމަ ކޮޓަރިއެއް ކުއްޔަށް ހިފައެވެ. މިއީ ކޮޓަރިއެކޭ ބުންޏަސް 4 ފާރާ ފުރާޅެކެވެ. އިތުރު އެއްވެސް އެއްޗެއް އެތާކު ނުހުރެއެވެ. މަހު ކުއްޔަށް 150 ޑޮލަރު ދައްކަންޖެހޭއިރު، މިއިން 1 ކޮޓަރީގައި 20 މީހުން ނިދައެވެ.

ކާބޯތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން، 10 ފޮތި ނެގޭ ވަރުގެ ޕާނެއް 15 ލީރާއަށް ވިއްކިއިރު، މިހާރު މީގެ ޕާނެއްގެ އަގު ވަނީ 450 ލީރާ (0.50 ޑޮލަރު) އަށް އަރާފައެވެ. ކައްކާ ގޭހުގެ އަގުތައްވެސް އިންތިހާއަށް އުފުލިފައެވެ. ބޯފެން ލިބުން ދަތިވެފައިވާއިރު، މޭވާއާއި ތަރުކާރީއަކީ މިހާރު ހުވަފެނެއްގައި ނޫނީ އިދްލީބުގެ ރައްޔިތުންނަށް ނުލިބޭ އެއްޗަކަށްވެއްޖެއެވެ.