ރާޢްޖެ ޓީވީގެ ކުރީގެ ޗެއާމަން މިހާރު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރީގެ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަތުން ދަރަންޏަށް ނެންގެވި ފައިސާތަކެއް އަނބުރާ ނުދެއްކުމުން ޓްވީޓާ ތެރޭގައި އަކްރަމް ކަމާލުއްދީން ބޭޒާރު ކޮށްލައިފިއެވެ.

ޓްވިޓާގައި މުސްތަފާ ވަނީ އޭނާއަށް އަކްރަމް ކަމާލުއްދީން ދެއްވާފައިވާ ޗެކުތަކެއްގެ ފޮޓޯތައް ވެސް ހިއްސާ ކުރައްވާފައެވެ. މުސްތަފާ އެގޮތަށް އެކަން ކުރެއްވީ މުސްތަފާއަށް ދެއްވާފައިވާ ފައިސާ އަނބުރާ ނުދީފި ނަމަ ހެކި އާއްމު ކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު ކުރެއްވި ޓްވީޓަކަށް އަކްރަމް ރައްދު ދެއްވުމުންނެވެ. މުސްތަފާ ވިދާޅުވެފައި ވަނީ ރާއްޖެޓީވީއަށް ބޭނުންވާ ހުރިހާ ސާމާނެއް ގަތީ އޭނާގެ ފައިސާއިން ކަމަށެވެ. ނަމަވެސް އަކްރަމް ކަމާލުއްދީން ވަނީ އެކަމަށް ރައްދު ދެއްވާ މުސްތަފާގެ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.

އަކްރަމް އެހެން ވިދާޅުވުމުން ރައްދުގައި މުސްތަފާ އިތުރު ޓްވީޓެއް ކުރެއްވިއެވެ. ވިދާޅުވީ މުސްތަފާއަށް އަކްރަމް ދެއްވާފައިވާ ޗެކުތަކުގައި ހުރީ ރާއްޖެޓީވީގެ ނަމެއް ނޫން ކަމަށެވެ. ނަމަވެސް މުސްތަފާ އަތުން ފައިސާ ގެންދިޔައީ ރާއްޖެޓީވީގެ ސާވާ ގަތުމަށް ކަމަށާއި އަދި އެ ބަހައްޓާނީ ސަރުކާރަށް ނުފެންނަ ތަނެއްގައި ކަމަށާއި އެއީ ލަންކާގައި ކަމަށް އަކްރަމް މުސްތަފާ ގާތު ވިދާޅުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މުސްތަފާ ވަނީ ރާއްޖެޓީވީ ރޯ ކޮށްލުމުގައިވެސް އަކްރަމްގެ އަތެއް ވާ ކަމަށް ރޭ ތުހުމަތު ކުރައްވާފައެވެ. އޭނާ އަކްރަމް ޓެގު ކުރައްވާ ޓްވިޓާގައި ވިދާޅުވީ ދެ މިލިއަން ރުފިޔާ ދެއްކުމަށް ފަހު ވާހަކަ ދެއްކުމަށެވެ.

އިތުރަށް ބޭޒާރުނުވުމަށް މަޑުން ހުންނެވުމަށް ވެސް މުސްތަފާ ވަނީ ޓްވިޓާގައި އަކްރަމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. މުސްތަފާ ވަނީ އަކްރަމްގެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅުއްވާފައި ވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެކުރިންވެސް މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު އެފައިސާ އަނބުރާ ނުދައްކައިގެން އަކްރަމް ގޮވައިގެން ވިޔަފާރިވެރިން ކޯޓަށް ގޮސްފައިވެއެވެ.