ހޮންގްކޮންގްގައި ކަރަންޓީނުކޮށްފައި އޮތް 'ވާލްޑް ޑްރީމް" ކުރޫޒްލައިނާއިން ފޭބުމުގެ ހުއްދަ، އެ ބޯޓުގައި ތިބި އެތައް ސަތޭކަ ބަޔަކަށް ދީފިއެވެ.

4 ވަރަކަށް ދުވަސް ވަންދެން ކަރަންޓީނުކޮށްފައި އޮތް ކުރޫޒްލައިނާއިން ފޭބުމުގެ ހުއްދަ ދީފައިވަނީ، ކޮރޯނާވައިރަހަށް ހެދި ޓެސްޓުތަކަށް ކުރޫއާއި ފަސެންޖަރުން ނެގެޓިވް ވުމާ ގުޅިގެންނެވެ.

3600 އެއްހާ މީހުން ތިބި "ޑްރީމް ވާލްޑް" ކުރޫޒްލައިނާ ކަރަންޓީނުކޮށްފައިވަނީ، އެ ބޯޓުގެ ކުރީ ދަތުރެއްގައި ބައިވެރިވި މީހަކު، ނުރައްކާތެރި 2019-އެންކޯވްއަށް ޕޮޒިޓިވްވެފައި އޮތުމުގެ ސަބަބުންނެވެ.

ޖަޕާނުގައި އޮތް ކުރޫޒްލައިނާގެ ހާލަކީ ކޮބާ؟

ޖަޕާނުގެ ޔޮކޮހާމާ ބަނދަރުގައިވެސް ކުރޫޒްލައިނާއެއް ކަރަންޓީނުކޮށްފައި އޮތްއިރު، އެ ކުރޫޒްއިން ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން، ކުރޫޒްލައިނާގެ ފަސެންޖަރުންނާ ކުރޫ އަދިވެސް ތިބީ ކަރަންޓީނުގައި ކަމަށް ޖަޕާނުން މައުލޫމާތުދެއެވެ.

"ޑައިމަންޑް ޕްރިންސަސް" ނަމަކަށް ކިއާ މި ކުރޫޒްލައިނާއިން މިހާތަނަށް 70 މީހަކު ވަނީ 2019-އެންކޯވް އަށް ޕޮޒިޓިވްވެފައެވެ. މި ކުރޫޒްގައި ތިބި މީހުން ޓެސްޓުކުރަން ފަށާފައިވަނީ، އެކުރޫޒްއިން ދަތުރުކުރުމަށްފަހު ހޮންގްކޮންގްއަށް ފޭބި މީހަކު، ވައިރަހަށް ޕޮޒިޓިވް ވުމާގުޅިގެންނެވެ.