މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް އާއިލާގެ ފަރާތުން ފޯރުކޮށްދޭން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލި އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ އެ އުސޫލަށް ބަދަލު ގެނައުމަށްފަހު މިއަދުން ފެށިގެން ގައިދީންނަށް އެމީހުންގެ އާއިލާތަކުން އަންނައުނު ފޮނުވޭނެ ކަމަށެވެ. ކަރެކްޝަންސް އިން 15 އޮކްޓޯބަރ 2017 ން ފެށިގެން އަންނައުނު ފޮނުވުން މެދުކަނޑާލާފައިވަނީ ގައިދީންނަށް އަންނައުނު މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތްކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުންނެވެ.

އެހެންނަމަވެސް މިއީ މިދިޔަ އަހަރު ނެރެފައިވާ "ޖަލުތަކުގެ އޮޑިޓު ރިޕޯޓުގައި" އިސްލާހު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތަށް މިކަން އިސްލާހު ކުރި ނަމަވެސް އަންނައުނު މެދުވެރިކޮށް ޖަލަށް ވެއްދުން މަނާތަކެތި ވައްދަން މައްސަކަތް ކުރާކަމަށް ފާހަގަ ކުރެވިއްޖެނަމަ، ވަގުތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓްކޮށް، އެ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެއެވެ.

ކަރެކްޝަނުން ބުނީ ގައިދީންނާއި ބަންދު މީހުންނަށް އާއިލާގެ ފަރާތުން ދޭ އަންނައުނު ބަލައިގަންނާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9:00އިން މެންދުރު 14:00އަށް ކަމަށެވެ.

އަލަށް އައްޔަންކުރެއްވި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އަދި ހަމައެއާއެކު އެމަނިކުފާނުގެ ބެލުމުގެ ދަށުން ވަނީ މި އޮޑިޓް ރިޕޯޓުގައިވާ ކަންކަން އިސްލާހު ކުރުމަށް ހާއްސަ ކޮމެޓީއެއްވެސް އެކުލަވާލާފައެވެ.