ޔޫއެންއޯޑީސީ އާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ)އާ ގުޅިގެން އދ ގެ ކަމާ ގުޅުންހުރި އިދާރާތަކާއި އިންޓަޕޯލް އަދި ޔޫރޮޕިއަން ޔޫނިއަންގެ އެހީތެރިކަމާއިއެކު މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.

އެންސީޓީސީން ބުނީ އެ ބައްދަލުވުން ފެށީ "ނޭޝަނަލް ރައުންޑްޓޭބަލް އެންޑް ކޮންސަލްޓޭޝަން އޮން ޔޫއެންއޯޑީސީ އެންޑް އިންޓަޕޯލްސް ސަޕޯޓް ޓު ދަ މޯލްޑިވްސް އޮން ކައުންޓާ ޓެރެރިޒަމް" ގެ ނަމުގައި ކަމަށެވެ.

އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ނޭދެވޭ އަސަރުތަކުން ދިވެހި އުންމަތް ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގައި ކަމާގުޅުން ހުރި ދާއިރާތަކުގެ އިންސާނި ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގައި ޔޫއެންއޯޑީސީ ޔޫއެންޑީޕީ އަދި ޖަޕާނުގެ ސަރުކާރުން ވެދޭވާ އެހީތެރިކަމަކީ ރާއްޖެއަށް ވަރަށް އަގުހުރި ފައިދާތަކެއް ލިިބިގެންދާ ކަމެއްކަމުގައެވެ.

އަދި އެ ފަރާތްތަކުގެ އެހީތެރިކަމާއެކީ އެ ސެންޓަރުން ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން ވައިލެންޓް އެކްސްޓްރިމިޒަމް އެކުލަވައިލާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޔޫއެންއޯޑީސީ އާއި އެންސީޓީސީ ގުޅިގެން ފެށި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އެންސީޓީސީ

ސޯޝަލް ސެންޓަރުގައި މިއަދުން ފެށިގެން އެއް ދުވަހުގެ މުއްދަތަަށް ކުރިއަށް ގެންދާ އެ ބައްދަލުވުންތަކުގައި ދައުލަތުގެ ކަމާ ގުޅުންހުރި ދާއިރާތަކުން 27 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެންފައިވެއެވެ.

އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓާއި ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ތައުލީމީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ޒުވާނުންގެ ދާއިރާ އާއި ހާރިޖ ީދާއިރާ އާއި ދާހިލީ ދާއިރާގެ އިތުރުން ސަލާމަތީ ހިދުމަތްތައް ހިމެނެއެވެ.