ކ.އަތޮޅު ކާގި ކައިރިއަށް ފަރަށް އެރި ދޯންޏަކުން ގެއްލުނު ކައްޕި ހޯދަން ކޯސްޓްގާޑުން ބަލަމުން ދިޔަ ސަރަހައްދުން ފެނުނު ވަޅީގައި ހުރީ ލެއެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެމްއެންޑީއެފްއިން އެ ސަރަހައްދުގެ ކަނޑު އަޑިން ހޯދާފައިވާ ތުވާއްޔާއި ވަޅީގައި ހުރީ ލެއެއް ނޫންކަމަށާއި، އެއީ ދަވާދާއި ގްލޫ ކަމަށް މިހާތަނަށް ފުލުހުން ކުރި ތަހުލީލުތަކުން އެނގިފައިވާ ކަމަށެވެ. އަދި ކަނޑު އަޑިން ފެނުނު ތަކެއްޗާއި، އެ ދޯނިން ގެއްލުނު 37 އަހަރުގެ ދިވެހި މީހާ ގެއްލުނު މައްސަލައާއި، ގުޅުމެއް ވޭތޯ ބަލަމުންގެންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ކ. ކާގި ކައިރީ އޮތް ފަރަކަށް އެރި ދޯންޏެއްގައި ހުރި ދިވެހި ފިރިހެނަކު ގެއްލުނު މައްސަލައިގައި ފުލުހުން މިއަދު ބުނީ، މި މައްސަލާގައި ތަހުގީގުގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް ބަޔާންތައްވަނީ ނަގާފައި ކަމަށެވެ. އަދި މިކަމުގައި އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލައި، ހެކި ހޯދުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބެލި ބެލުމުން އެ ދޯނީގައި ތިބީ 2 ދިވެހިންނާއި، 2 ބިދޭސީން ނެވެ. އަދި ދޯނީގައިވެސް ތިބި މީހުންނާއި ސުވާލުކޮށް ބަޔާންތައް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.