ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމާ ގުޅިގެން ކޮމަންވެލްތު ސްކޮލާޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތް ހަމަޖައްސައިފިއެވެ.

މިއަދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއެކު ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ބައްދަލުކުރައްވާ ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭނެ މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގަތުމާއި ގުޅިގެން ވަނީ އެ ފުރުސަތު ހަމަޖެހިގެން ގޮސްފައެވެ.

މިނިސްޓާ ޝާހިދުގެ އެދިވަޑައިގަތުމާ ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްވަނީ އެކަމަށް ތާއީދުކުރައްވައި، މިއަދުން ފެށިގެން ކޮމަންވެލްތުގެ ސްކޮލާޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭނެކަމަށް ނިންމާފައެވެ.

އެ ސްކޮލާޝިޕްތަކާއި، ސްކޮލާޝިޕްތަކަށް ކުރިމަތިލުމާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ކޮމަންވެލްތުން ހާމަކުރާނެއެވެ. ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމާ ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި އިއްޔެ ދިވެހިރާއްޖޭގެ ދިދަ ވަނީ ނަގާފައެވެ.

އަދި މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ މިނިސްޓާ ޝާހިދު ވަނީ ލަންޑަންގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތު ސްކޮލާޝިޕްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ކޮމަންވެލްތާ އެކު ދިވެހިރާއްޖެއިން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނާ ޑރ ފަރަހަނާޒް ފައިސަލްއާއި، ރައީސްގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީން އާއި، ހައިކޮމިޝަންގެ އިސް އޮފިޝަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ބައިވެރިވެވަޑައިގަތެވެ.