އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީ ތެރޭގައި، އުމުރުން އެންމެ 5 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި، އިންޑިއާ ފިރިހެނެއްގެ މައްޗަށް ދައުވާ އުފުލާފައިވާކަން އިންޑިއާގެ ފުލުހުން ހާމަކޮށްފިއެވެ.

މިމައްސަލާގައި ދައުވާ އުފުލާފައިވަނީ، ހާދިސާ ހިނގިތާ 1 ދުވަސް ފަހުން، މިދިޔަ އާދީއްތަ ދުވަހު، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ، އުމުރުން 25 އަހަރުގެ މީހާގެ މައްޗަށެވެ. 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ޖަރީމާ ހިންގާފައިވަނީ، އެމެރިކާ އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ސްޓާފް ކުއާޓަރު ތެރޭގައެވެ.

އިންޑިއާ ފުލުހުންގެ އޮފިސަރެއް ކަމަށްވާ ޔޯގީޝް ކުމާރު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މެޑިކަލް ޓެސްޓުތަކުގެ ނަތީޖާއަށް ބަލާއިރު، 5 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވާކަން ކަށަވަރުވެއެވެ.

މިމައްސަލާގައި 25 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ދައުވާ އުފުލާފައިވަނީ، އިންޑިއާގައި އެކުލަވާލާފައިވާ، ކުޑަކުދިން ރޭޕްކުރުމާ ގުޅޭ ގާނޫނުގެ ދަށުން ކަމަށްވާއިރު، މި ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް އަންނާނީ މަރުގެ ހުކުމެކެވެ.

ދިއްލީ ޕޮލީސްގެ ޑިޕިއުޓީ ކޮމިޝަނަރު އީޝް ސިންހާލް ވިދާޅުވީ، ރޭޕްކުރީ ކާކުކަން ބުނެދޭން ކުއްޖާއަށް އެނގޭ ކަމަށާ، އެކަމުގައި ސުވާލު އުފައްދާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

5 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރުމުގެ ޖަރީމާ ހިންގާފައިވާ ސަރަހައްދަކީ، މުޅި އިންޑިއާއަށް ބަލާއިރުވެސް ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައިވާ ސަރަހައްދެކެވެ.

އެމްބަސީއިން ބުނީ ކީކޭ؟

ދިއްލީގައި ހުންނަ އެމެރިކާ އެމްބަސީގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ، މިހާދިސާއާއި ގުޅިގެން އިންތިހާއަށް ހިތާމަކުރައްވާކަމަށެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހުނު ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅާ، ފުލުހުންނަށް ރިޕޯޓްކޮށް، ސިއްހީ ފަރުވާ ކޮށްދޭން ޖެހޭ ފަރާތަށް އެކަމުގެ އެހީތެރިކަންވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި މިކަމުގައި އިންޑިއާގެ ފުލުހުންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން، އެމްބަސީއިން ދެމުންދާކަމަށް ބުނެ، އެމްބަސީއިން ވަނީ ބަޔާނެއްވެސް އާންމުކޮށްފައެވެ.

ޖިންސީ ފުރައްސާރައާއި، އަނިޔާއާއި، ރޭޕްގެ މައްސަލަތަކީ އެތައް ޒަމާނެއް ކުރީއްސުރެ ފެށިގެން އިންޑިއާގައި ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމަށް ހައްލު ހޯދުމަށް ފާޅުގައި ވަކާލާތު ކޮށް، އިހުތިޖާރު ކުރަމުންދާ އަހަރުތަކެއް ވެފައި ވީ ނަމަވެސް، މިފަދަ ޖަރީމާތައް ހިނގިޔަ ނުދީ، ހުއްޓުވުމަށް އަދިވެސް ވަނީ އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތަކެއް ނޭޅިއެވެ. މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތްތަކުގެ ޝަރިޔަތް ހިންގާ، ހުކުމް އިއްވި ނަމަވެސް، އެފަދަ ހުކުމްތައް އެކަށީގެންވާ ހަލުވިމިނެއްގައި ތަންފީޒު ކުރެވެމުންދާތީވެސް ނުފެނެއެވެ.