އިލެކްޓްރޯނިކްސްގެ ދުނިޔޭގައި އެޕަލް ކުންފުނީގެ އައިފޯނު އުފެއްދުމުގެ ރޮނގުން ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފޮކްސްކޯން ކުންފުނީގެ މަސައްކަތްތައް، ސާޖިކަލް މާސްކު އުފެއްދުމާ ދިމާލަށް ބަދަލުކޮށްލައިފިއެވެ.

ފޮކްސްކޯންގެ އިލެކްޓްރޯނިކްސް އުފެއްދުންތެރިކަމުގެ ލައިން ބަންދުކޮށްފައިވަނީ، ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ސަބަބުން ކަމަށްވާއިރު، ސާޖިކަލް މާސްކު އުފެއްދުމާ ދިމާލަށް އެކުންފުނިން މިސްރާބު ބަދަލުކޮށްލީވެސް މިސަބަބާ ހެދި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެކި ކަހަލަ މާސްކުތަކަށް އޮންނަ ޑިމާންޑު، ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވަނީ އިތުރުވެފައެވެ. އަދި ޑިމާންޑާ އެއްވަރަށް މުދާ ނުއުފެއްދި، ސަޕްލައިއަށް ބުރޫ އަރާ، ބައެއް ހިސާބުތަކުގައި މާސްކުގެ ވިޔަފާރީގެ ކަޅުބާޒާރުތަކަށްވެސް މަގުވަނީ ތަނަވަސްވެފައެވެ.

މިފަދަ ދަނޑިވަޅެއްގައި ފޮކްސްކޯންއިން އަމާޒު ހިފާފައިވަނީ، 1 މަސްދުވަހުގެ ތެރޭގައި، ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 2 މިލިއަން މާސްކު އުފެއްދުމަށެވެ.

ވީޗެޓް ޕްލެޓްފޯމުގައި ފޮކްސްކޯން ކުންފުނިން ބުނީ މި ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު ކޮންމެ ސިކުންތެއްވެސް މުހިންމު ކަމަށެވެ. ދުރާލާ ފިޔަވަޅު އެޅި ވަރަކަށް، ފުރާނަ ސަލާމަތްކުރެވޭ މިންވަރު އިތުރުވެ، މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށްވެސް ފޮކްސްކޯންއިންވަނީ ބުނެފައެވެ.

އައިފޯނާ އައިޕެޑްގެ އިތުރުން، އެމެޒޯން ކުންފުނީގެ ކިންޑްލްއާ، ޕްލޭސްޓޭޝަންއާ ގުޅޭ އެކިކަހަލަ އިލެކްޓްރޯނިކްސް ގެޖެޓްތައް އުފެއްދުމުގައި ފޮކްސްކޯންއަކީ ނަންހިނގާ ކުންފުންޏެކެވެ.

ކަންމިހެން އޮތް ޗައިނާގައި އަދިވެސް ކޮރޯނާވައިރަސް ފެތުރެމުންދާތީ އެގައުމުގެ ގިނަ ސިނާއީ މަސައްކަތްތަކެއް ވަނީ ހުއްޓާލާފައެވެ. މިއާއެކު މިއަހަރަކީ ދުނިޔޭގެ ސްމާޓްފޯނު ވިޔަފާރީގެ ބާޒާރަށް ހީނަރުކަން އަންނާނެ އަހަރެއް ކަމަށް އެނަލިސްޓުން ލަފާކުރެއެވެ. އެގޮތުން، ބައިނަލްއަގުވާމީ ބާޒާރަށް މިއަހަރު ނެރޭ ސްމާޓްފޯނު ޝިޕްމަންޓް 10 ޕަސެންޓް ދަށްވެގެންދާނެ ކަމަށާ، ވަކިން ހާއްސަކޮށް އައިފޯނުތަކަށް މިކަމުގެ އަސަރު ކުރާ މިންވަރު ބޮޑުވާނެ ކަމަށް އެނަލިސްޓުން ވަނީ ފާހަގަކޮށްފައެވެ.