ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމާއެކު، ކޮމަންވެލްތުގެ އެހެން ގައުމުތަކުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް ހައިކޮމިޝަނަށް ބަދަލުކޮށް ނަންބޯޑުތައް ބަދަލުކޮށްފިއެވެ.

މިއަދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބޯޑު ބަދަލުކޮށްދެއްވީ އެކަމަށްޓަކައި ލަންޑަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.

އެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ފަރަހަނާޒް ފައިޒަލާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑާ އަލީ އާޒިމާއި ރައީސްގެ އޮފީހުގެ ސެކްރެޓަރީ ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީންގެ އިތުރުން ހައިކޮމިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

އިނގިރޭސިވިލާތުގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮޝަނާއި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބޯޑު ވަނީ މިއަދު ބަދަލުކޮށްފައެވެ.

ނަންބޯޑުތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެގައުމުގައި ހާރިޖިއްޔާގެ އިސް ބޭފުޅުންނާއި، ކޮމަންވެލްތު އެހެން ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ. ދިވެހިރާއްޖޭގެ ކޮމަންވެލްތުގެ 54 ވަނަ ގައުމުގެ ގޮތުގައި އެޖަމާޢަތާއި އަނެއްކާވެސް ގުޅިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.