ގުރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މެދުރާއްޖެތެރޭގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ފަސް މީހުން ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރިކޮށްފައިވާ އެކަކު ވަނީ އިއްޔެ ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެމައްސަލާގައި ހައްޔަރު ކުރީ 4 މީހުން ކަމަށެވެ. އެގޮތުން ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެއް ކަަމަށެވެ.

މި މައްސަލައާ ގުޅިގެން 5 ވަނަ މީހަކު ހައްޔަރު ކުރި އިރެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ވަަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށެވެ. އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަނުކުރާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ގިނައިން ރިޕޯޓުކުރަމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މާލޭގައި 14 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ގޯނާކުރުމަށްފަހު ބްލެކް މެއިލްކޮށް ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގެ ތުހުމަތުގައި އުމުރުން 36 އަހަރު ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ސިފައިންގެ މީހެކެވެ.