ދިވެހިރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމާއެކު ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ އިދާރާގައި ރާއްޖޭގެ ދިދަ އިއްޔެ ނަގައިފިއެވެ.

ލަންޑަނުގައި ހުންނަ މަލްބޮރޯ ހައުސްގައި ހުންނަ ކޮމަންވެލްތުގެ އިދާރާގައި ދިވެހި ގައުމީ ދިދަ ނަންގަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު މިނިސްޓާ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތާ އަލުން ގުޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެކުވެރި ގައުމުތަކާ ގާތުން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި ރާއްޖެ އިން އިނގެރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ފަރަހަނާޒް ފައިސަލާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ސަބްރާ އިބްރާހިމް ނޫރައްދީނާއި ކޮމަންވެލްތުގެ 53 ގައުމުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެންބަރުކަން ދޫކޮށްލީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ރިޔާސަތަށް އިބްރާހީމް މުހައްމަދު ސޯލިހް އިންތިހާބު ކުރެވުމާއެކު، ކޮމަންވެލްތުގެ މެންބަރުކަމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވެއެވެ.

ކޮމަންވެލްތުގެ މެމްބަރުކަން އަލުން އަނބުރާ ހޯދުމަކީ، ދިވެހިރާއްޖޭގެ އަދުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހާއްސަ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ.