ދެކުނު އިންޑިއާގެ ކެރެލާ ސްޓޭޓްގައި އާންމުން ދިރިއުޅުމުންދާ އިމާރާތެއްގެ ފެން އިސްކުރުތަކުން އަންނަނީ ރާ ކަމަށް ބުނާ ރިޕޯޓްތަކެއް އާންމު ވެއްޖެއެވެ.

ޚަބަރު ލިބޭ ގޮތުގައި މިކަން މިގޮތަށް ހިނގާތީ، އެ އިމާރާތުގައި ދިރިއުޅޭ އާންމުންވެސް ތިބީ ޝޮކެއްގައެވެ.

ފްލެޓް އުސޫލުން ދޫކޮށްފައިވާ އެޕާޓްމަންޓްތަކެއް ހުންނަ މި އިމާރާތުގެ ފެން އިސްކުރުތަކުން، ޒާތެއްގެ ވަހެއް ހުރި މުށި ކުލައިގެ ދިޔާ އެއްޗެއް އަންނަން ފެށީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތަކުން ފެށިގެންނެވެ. މިއާއެކު އެ އިމާރާތުގެ ރައްޔިތުން ވަނީ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދާފައެވެ.

އިންޑިއާގެ ކެރަލާ ސްޓޭޓްގައި އާންމު ދިރިއުޅެމުންދިޔަ އިމާރާތުގެ ފެންވަޅު ބަނގުރަލުން ތަޣައްޔަރުވުމުން ވަޅުދިޔަ ހިއްކަނީ/ފޮޓޯ: އިމާރާތުގެ އޯނަރު

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މިކަމެއް ހިނގާފައިވަނީ އޮފިޝަލުންގެ އަތުން ހިނގި އެކްސިޑެންޓަކާ ގުޅިގެންކަން ވަނީ ހާމަވެފައެވެ. އިމާރާތުގެ އިސްކުރުތަކުން އައި ތަޣައްޔަރު މާއްދާގައި ބިއަރުގެ އިތުރުން ބްރޭންޑީއާއި ރަމްވެސް އެކުލެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

ރަލުން ތަޣައްޔަރު ވެފައިވާ "ފެން" އިސްކުރުތަކުން އައީ، އަތުލައިގެންފައިވާ 6000 ލީޓަރުގެ ރާ، އިމާރާތާ ކައިރި ހިސާބެއްގެ ބިމު އަޑީގައި ވަޅުލާފައި ހުރުމުގެ ސަބަބުން ކަމަށް ވެއެވެ. ވަޅުލާފައި ހުރި ރަލަކީ، ކޯޓު އަމުރެއްގެ ދަށުން އަތުލާފައިވާ ތަކެތި ކަމަށާ، ބިމުގައި ވަޅުލުމުން، ކޮންމެވެސް ގޮތަކުން ވެލިގަނޑު ތެރެއަށް ފޫދިގެން ގޮސް، އިމާރާތުގެ ފެންވަޅާ ހިސާބަށް އެ މާއްދާތައް ފޯރައިގެން ކަމަށް ޚަބަރު ލިބެއެވެ. 18 ފްލެޓެއް ހުންނަ މި އިމާރާތަށް ބޯ ފެން ފޯރުކޮށްދެނީ މި ވަޅުންނެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ ބުއިމަށާ، އެއްޗިހި ދޮވުމަށްވެސް މި ފެން ބޭނުން ނުކުރަން އަންގާފައެވެ. ވަޅު ސާފުކުރުމަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭއިރު، މިމުއްދަތުގައި އެ އިމާރާތަށް ފެން ފޯރުކޮށްދެމުން ދާނީ ކަމާބެހޭ ފަރާތްތަކުން ކަމަށް މައުލޫމާތު ލިބެއެވެ. މި އިމާރާތަށް ފޯރުކޮށްދެނީ ދުވާލަކު 5000 ލީޓަރުގެ ފެން ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް، އެއީ އިމާރާތުގައި ދިރިއުޅޭ ހުރިހާ އާއިލާއެއްގެ ބޭނުންތަކަށް ފުދޭ މިންވަރެއް ނޫންކަމަށް އެ އިމާރާތުގެ ވެރި ފަރާތް ކަމަށްވާ ޖޯޝީ މަލިޔައްކާލް ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތަކުން ރަސްމީ ސިފައެއްގައި، ބައިނަލްއަގުވާމީ މީޑިއާއަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ.

މުޅި އިންޑިއާއަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ރާ ބޭނުންކުރާ ސްޓޭޓަކީ ކެރަލާއެވެ.