ޖަޕާނުގެ ޔޮކޮހާމާގައި ބަނދަރުކޮށް ކަރަންޓީނު ކޮށްފައިވާ ކުރޫޒްލައިނާ "ޑައިމަންޑް ޕްރިންސަސް"އިން އިތުރު 41 މީހަކު، ދުނިޔޭގެ އެކި ހިސާބުތަކުގައި މިދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ 2019-އެންކޯވް (ކޮރޯނާވައިރަސް) އަށް ޕޮޒިޓިވް ވެފައި ވާކަމަށް ޚަބަރު ލިބިއްޖެއެވެ.
މިއާއެކު، "ޑައިމަންޑް ޕްރިންސަސް"އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިވަނީ، 61 އަށް އަރާފައެވެ.
މި ކުރޫޒްލައިނާގައި ތިބި 3700 އެއްހާ މީހުން ވަނީ 2 ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކަރަންޓީނު ކޮށްފައެވެ. "ޑައިމަންޑް ޕްރިންސަސް" ކުރޫޒްލައިނާގައި ތިބި މީހުން ޓެސްޓުކުރަން ފަށާފައި ވަނީ އެ ކްރޫޒްލައިނާއިން މިދިޔަ ޖަނަވަރީ މަހު ދަތުރުކުރި، އުމުރުން 80 އަހަރުގެ (ހޮންގްކޮންގް) ފިރިހެނެއް، ކޮރޯނާވައިރަހަށް ޕޮޒިޓިވް ވި ހިސާބުންނެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި "ޑައިމަންޑް ޕްރިންސަސް" ކްރޫޒްލައިނާގައި ކޮރޯނާވައިރަސް ފެތުރިފައި ވަނީ ޖަނަވަރީ 20 ވަނަ ދުވަހު ޖަޕާނުގެ ޔޮކޮހާމާއިން އެ ކްރޫޒްލައިނާއަށް އެރި ހޮންގްކޮންގްގެ ފިރިހެން މީހާގެ ފަރާތުންނެވެ. އެމީހާ ވަނީ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހޮންގްކޮންގްއަށް ފައިބާފައެވެ. އޭނާ ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ އޭގެ ފަހުންނެވެ.
ކޮރޯނާވައިރަހަށް ކުރޫޒްލައިނާއިން ޕޮޒިޓިވްވި މީހުންނާއެކު ޖަޕާނުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 80 އަށް ވުރެ މައްޗަށް އަރާފައެވެ. ޖަޕާނަކީ، ވައިރަހުގެ ފެށުން ކަމުގައިވި ޗައިނާއަށް ފަހު އެންމެ ގިނައިން މި ވައިރަހަށް މީހުން ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައިވާ ގައުމެވެ. "ޑައިމަންޑް ޕްރިންސަސް" ކުރޫޒްލައިނާއިން 2019-އެންކޯވްއަށް ޕޮޒިޓިވް ވެފައިވަ ނީ މުޅިން ޖަޕާނުގެ ރައްޔިތުންނެއް ނޫނެވެ.
ކުރޫޒްލައިނާއިން ޕޮޒިޓިވް 61 މީހުން:
- ޖަޕާނު: 28
- އެމެރިކާ: 11
- އޮސްޓްރޭލާ، ކެނެޑާ: 7
- ޗައިނާ: 3
- އިނގިރޭސިވިލާތް، ނިއުޒީލަންޑް، ޓައިވާން، ފިލިޕީންސް، އާޖެންޓީނާ: 1
ކުރޫޒުލައިނާއިން ވައިރަހަށް ޕޮޒިޓިވްވާ މީހުން ބަދަލު ކުރަމުން ދަނީ ޖަޕާނުގައި ސިއްހީ ފަރުވާދޭ މަރުކަޒުތަކަށެވެ. ކުރޫޒްލައިނާގައި ތިބި މީހުން ކަރަންޓީނު ކޮށްފައި ތިބެނީ އެމީހަކަށް ހާއްސަ ކޮށްފައިވާ ކެބިން ތަކުގައެވެ. ކަންމިހެން އޮތްއިރު، ދިގުމުއްދަތުގެ ބަލިތަކައް ބޭސްކުރާ މީހުންގެ އަތުން ބޭސް ހުސްވުމުގެ ޝަކުވާއާ، ބަލި ހާލަތު ހުރި ގޮތުން ވަކި ގޮތަކަށް ކެއުން ބަހައްޓަން ޖެހޭ މީހުންނަށް އެ އިންތިޒާމް ހަމަނުޖެހޭ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ.
"ޑައިމަންޑް ޕްރިންސަސް" އަކީ އިނގިރޭސިވިލާތާ އެމެރިކާގެ ހިއްސާ އޮންނަ ކްރޫޒް އޮޕަރޭޓަރެއް ކަމަށްވާ ކާނިވަލް ކޯޕަރޭޝަންއިން އޮޕަރޭޓްކުރާ 'ޕްރިންސަސް ކްރޫޒަސް'ގެ ބޯޓެކެވެ.
ހޮންގްކޮންގްގައިވެސް ކުރޫޒްލައިނާއެއް ކަރަންޓީނުގައި
އަދިވެސް ފަރުވާއެއް ނުވަތަ ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސްއާ ގުޅިގެން ހޮންގްކޮންގްގައިވެސް ކުރޫޒްލައިނާއެއް ކަރަންޓީނު ކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ. "ވާލްޑް ޑްރީމް" ނަމަކަށް ކިއާ މި ކުރޫޒްލައިނާ ކަރަންޓީނު ކޮށްފައި ވަނީ އެ ކުރޫޒްލައިނާގެ 8 ފަސެންޖަރެއްގެ ހަށިގަނޑުން ވައިރަސް ފެނުމާ ގުޅިގެންނެވެ. 3600 އެއްހާ މީހުން ތިބި މި ކުރޫޒްލައިނާގެ އިތުރު މީހެއްގެ ހަށިގަނޑުން އަދި މި ވައިރަސް ފެނިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.