ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިދާތާގެ އިސްތިއުފާގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާ ކަމަށާއި ޝިދާތާގެ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް މިނިސްޓަރުކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި މިހާރު ހުންނެވި އާއިޝަތު މުހައްމަދު ދީދީ އައްޔަނުކުރެއްވުމަށް ނިންމަވާފައި ވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އާއިޝަތު މުހައްމަދު ދީދީއަކީ މިވަގުތު އިންޑިއާގައި ހުންނަވާ ދިވެހި ސަފީރެވެ. އަދި އެކަމަނާ އަކީ ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 2005 އިން 2008 ގެ ނިޔަލަށް ޖެންޑާ މިނިސްޓަރުކަންވެސް ކުރެއްވާފައިވާ ބޭފުޅެކެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ބޭރު ގައުމަކަށް ކަނޑައެޅި އެންމެ ފުރަތަމަ ސަފީރަކަށްވެސް ހަމަޖައްސަވާފައި ވަނީ އާއިޝާ ދީދީއެވެ. އަދި އިންޑިއާއަށް ރާއްޖެއިން ކަނޑައެޅި ފުރަތަމަ އަންހެން ސަފީރުވެސް މެއެވެ. އިންޑިއާއަށް ކަނޑައެޅި ސަފީރުގެ ކުރިން އެކަމަނާ ހުންނެވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓާ (އެކެޑެމިކް) ގެ މަގާމުގައެވެ.