ދުބާއީގެ 'ދި އެމޭޒިންގް މިއުޒިއަމް އެންޑް އާޓް ގެލެރީ'ގައި ބަހައްޓާފައިވާ، 1.28 މިލިއަން ޑޮލަރުގެ އަގުހުރި ފާހާނާތަށި އާންމުކޮށް ދައްކާލައިފިއެވެ.

ޖުމުލަ 334 ކެރެޓުގެ 40815 ޖަވާހިރު ބޭނުންކޮށްގެން ކޯރޮނެޓް ޖުވެލްރީއިން ފަރުމާކޮށްފައިވާ މި ފާހާނާތައްޓަށް ދުނިޔޭގެ ރެކޯޑު ފޮތުންވެސް މިހާރު ވަނީ ޖާގަ ލިބިފައެވެ. އެގޮތުން މިއީ، މިވަގުތު އެންމެ ގިނަ އަދަދަކަށް ޖަވާހިރު ޖަހާފައިވާ ފާހާނާތަށި ކަމަށް ޚަބަރު ލިބެއެވެ.

ކޯރޮނެޓް ޖުވެލްރީއަކީ މިފަދަ ރެކޯޑްތަކަށް ފަރިތަ ކުންފުންޏެކެވެ. އެގޮތުން އެންމެ ގިނަ ޖަވާހިރު ޖެހި ގިޓާ، އަތްދަބަސް އަދި ފައިވާންފަދަ ތަކެތި ތައާރަފުކޮށްގެން ކޯރޮނެޓް ޖުވެލްރީއިން ވަނީ ދުނިޔޭގެ އެތައް ރެކޯޑެއް ހޯދާފައެވެ.

ކޯރޮނެޓް ޖުވެލްރީއިން ބުނާ ގޮތުގައި މިހާ ގިނަ އަދަދަކަށް ޖަވާހިރު ބޭނުންކޮށްގެން ފާހާނާތައްޓެއް ހެދުމުގެ ހިޔާލު ލިބިފައިވަނީ، އޭންޑީ ލޯގެ ޗައިނާ ލަވައެއް ކަމަށް 'ޓޮއިލެޓް އިޒް ޔޯ ފްރެންޑް' – މި ލަވައިންނެވެ.