ޖަޕާނުގެ ޔޮކޮހާމާ ޕޯޓްގައި އޮތް ކްރޫޒްލައިނާއެއްގައި ތިބި މިހުންގެ ތެރެއިން 10 މީހެއްގެ ގައިން ނެގި ސާމްޕަލް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް ޖަޕާނުގެ ސިއްހަތާ ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

"ޑައިމަންޑް ޕްރިންސަސް" ނަމަކަށް ކިއާ ކްރޫޒްލައިނާގައި މިވަގުތު ތިބި 3700 މީހުންގެ ތެރެއިން މިވަގުތު އަދި ޓެސްޓުކޮށްފައިވަނީ 300 އެއްހާ މީހުންނެވެ. އެހެންކަމުން، އިތުރު މީހުން ޓެސްޓު ކުރާ ވަރަކަށް، ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.

"ޑައިމަންޑް ޕްރިންސަސް" ކްރޫޒްލައިނާގައި ތިބި މީހުން ޓެސްޓުކުރަން ފަށާފައިވަނީ އެ ކްރޫޒްލައިނާއިން މިދިޔަ ޖަނަވަރީ މަހު ދަތުރުކުރި، އުމުރުން 80 އަހަރުގެ (ހޮންގްކޮންގް) ފިރިހެނެއް، ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ހިސާބުންނެވެ.

ޖަޕާނުގެ ޚަބަރު ފަތުރާ އެންއެޗްކޭއިން ހާމަކުރި ގޮތުގައި، "ޑައިމަންޑް ޕްރިންސަސް" ކްރޫޒްލައިނާއިން ކޮރޯނާވައިރަހަށް މިހާތަނަށް ޕޮޒިޓިވްވި 10 މީހުންނަކީވެސް އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އޭގެ ތެރޭގައި 50ގެ އަހަރުތައް ގުނަމުންދާ 4 މީހުންނާ، 60 ގެ އަހަރުތައް ގުނަމުންދާ 4 މީހުންނާ، 70 އަހަރުތައް ގުނަމުންދާ މީހަކާ 80 އަހަރުތައް ގުނަމުންދާ 1 ހުރިކަމަށް ޚަބަރު ލިބެއެވެ.

ޖަޕާނުގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވީ 273 މީހެއްގެ ޓެސްޓުގެ ތެރެއިން 31 މީހެއްގެ ނަތީޖާ ލިބިފައިވާއިރު، 10 މީހަކު ވައިރަހަށް އިންފެކްޓްވެފައިވާކަން ކަށަވަރުވެފައިވާކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ވައިރަހަށް ޕޮޒިޓިވްވާ މީހުން ކްރޫޒްލައިނާއިން ބާލަމުންދާ ކަމަށާ، އެމީހުން ބަދަލުކުރެވެނީ ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި "ޑައިމަންޑް ޕްރިންސަސް" ކްރޫޒްލައިނާގައި ކޮރޯނާވައިރަސް ފެތުރިފައިވަނީ ޖަނަވަރީ 20 ވަނަ ދުވަހު ޖަޕާނުގެ ޔޮކޮހާމާއިން އެ ކްރޫޒްލައިނާއަށް އެރި ހޮންގްކޮންގްގެ ފިރިހެން މީހާގެ ފަރާތުންނެވެ. އެމީހާ ވަނީ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހޮންގްކޮންގްއަށް ފައިބާފައެވެ. އޭނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އޭގެ ފަހުންނެވެ. މިކަމާ ގުޅިގެން ކްރޫޒްލައިނާގައި ތިބި އެންމެން ސްކްރީންކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ކްރޫޒްލައިނާ އޮތީ ކަރަންޓީނުކޮށްފައެވެ.

ކްރޫޒްލައިނާގައި ތިބި ފަސެންޖަރުންނާ ކްރޫއިން 14 ދުވަހު ކަރަންޓީނުގައި ތިބެންޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. އެންމެންވެސް ކަރަންޓީނުކޮށްފައިވަނީ ކްރޫޒްލައިނާ ތެރޭގައި، އެމީހަކަށް ހާއްސަކޮށްފައިވާ ކެބިންގައެވެ. ކަންމިހެން އޮތްއިރު، ބައެއް ފަސެންޖަރުން އާންމުކޮށް ބޭނުންކުރަމުންދާ ބޭސްފަދަ ސާމާނު ހުސްވާ ކަމުގެ ޝަކުވާ އުފުލަމުންދާކަމަށް ޚަބަރު ލިބެއެވެ.

"ޑައިމަންޑް ޕްރިންސަސް" އަކީ އިނގިރޭސިވިލާތާ އެމެރިކާގެ ހިއްސާ އޮންނަ ކްރޫޒް އޮޕަރޭޓަރެއް ކަމަށްވާ ކާނިވަލް ކޯޕަރޭޝަންއިން އޮޕަރޭޓްކުރާ 'ޕްރިންސަސް ކްރޫޒަސް'ގެ ބޯޓެކެވެ.

"ޑައިމަންޑް ޕްރިންސަސް" އިން ޕޮޒިޓިވްވެފައިވާ 10 މީހުން ނުހިމަނާ، ޖަޕާނުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 20 އަށް އަރައެވެ.