ދިވެހި ރައްޔިތުންގެ ފަރާތުން އެއް މިލިއަން ދިވެހި މަސްދަޅު ޗައިނާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރައީސް ސޯލިހް މިގޮތަށް ނިންމަވާފައި ވަނީ ޗައިނާގައި މިވަގުތު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމަށް ދިމާވެފައިވާ ހާލަތުގައި، ދިވެހި ރައްޔިތުން ޗައިނާ ރައްޔިތުންނާއެކު ތިބިކަމުގެ ރަމްޒެއްގެ ގޮތުންނެވެ.
މިކަން އިއުލާން ކުރައްވާ މިރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވީ، ނޮވެލް ކޮރޯނާ ވައިރަސްއާ ދެކޮޅަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޗައިނާ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި މިދަނޑިވަޅުގައި ޗައިނާގައި ތިބި ދިވެހި ރައްޔިތުންނަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމާއި ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަން، ދިވެހި ސަރުކާރުން ފާހަގަކޮށް، އެކަން ބަލައިގަންނަ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސް އުފެދި، އެންމެ ގަދައަށް ފެތުރެމުންދާ ޗައިނާގެ ވޫހާން ސިޓީ ލޮކްޑައުން ކޮށްފައިވާއިރު، އެ ސިޓީގައި ތިބީ ޖުމްލަ 9 ދިވެހިންނެވެ. އޭގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 7 ދިވެހިން މިހާރު ވަނީ ޗައިނާއާ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު، އެއާ އިންޑިއާގެ ފްލައިޓެއްގައި އިންޑިއާއަށް ގެންގޮސް ކަރަންޓީނު ކޮށްފައެވެ. މި 7 ދިވެހިން ރާއްޖެ ގެނައުމަސް ހަމަޖެހިފައި ވަނީ 14 ދުވަސް ވަންދެން އިންޑިއާގައި ކަރަންޓީނު ކުރުމަށްފަހުއެވެ.