ރާއްޖޭން ޖަރުމަނު ޝެންގެން ވިސާ ނެގޭނެ ވަގުތީ ކްލިނިކެއް ފޮރިން މިނިސްޓްރީގައި ހުޅުވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝެންގެން ވިސާ ރާއްޖެއިން ނެގޭނެ ގޮތަށް ވަގުތީ ކްލިނިކެއް ހުޅުވާފައިވަނީ އެމްއެމްޕީއާރުސީއާއި ދިވެހި ސަރުކާރުގެ އެހީއާއެކު ރާއްޖޭގައި ހުންނަ ޖަރމަނީގެ އެމްބަސީއިން ކަމަށެވެ. މި ކްލިނިކް ގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށެވެ.

މިއީ ރާއްޖޭގައި ޝެންގެން ވިސާ އެޕްލިކޭޝަން ހިދުމަތް ދޭ ދެވަނަ ފަހަރެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ކްލިނިކުން ޝެންގެން ވިސާއަށް އެދި 162 މީހުން ހުށަހަޅާފައިވާ ކަމަށާއި ވިސާއަށް އޮތް ޑިމާންޑް ބޮޑު ކަމުން އެ ކްލިނިކުގެ ހިދުމަތްތައް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިންމީ ކަމަށެވެ.

މިނިސްޓްރީން ބުނީ ކްލިނިކްގެ ސަބަބުން ވިސާ ހޯދުމުގައި ގިނަ ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށާއި ހާއްސަކޮށް މާޗް މަހު ޖަރުމަނުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާއަށް ދާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭން ޖާމަން ޝެންގެން ވިސާ ދާއިމީކޮށް ނެގޭނެ ހިދުމަތް ފެށުމުގެ ގޮތުން އަންނަ އަހަރުގެ މާޗު މަހު ޖަރުމަނުގެ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވާނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ރިޔާސީ ބަޔާން އިއްވަމުންވެސް ވަނީ ޖަރުމަނުގެ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް އަންނަ މާޗް މަހުގެ މާލޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.