ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީ ޕްރައިމަރީ ބާތިލް ކުރި ގއ އަތޮޅުގެ ވޯޓްލުން އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ އިންތިހާބު ބާތިލްކޮށްފައިވާ ގއ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ޕްރައިމަރީގެ ވޯޓު ލުން އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 7:30 އަށް ކުރިއަށް ދާނެ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގެ ތެރެއިން ވޯޓު ބާތިލް ކޮށްފައިވާ ގއ. އަތޮޅު ކައުންސިލްގެ ޕްރައިމަރީ އާއި އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ޕްރައިމަރީއެވެ.

ގއ. އަތޮޅުގެ ޕްރައިމަރީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ނަތީޖާ ހަމަހަމަވެފައިވާ ގޮނޑިތަކުގެ ޕްރައިމަރީ ވެސް އަންނަ ހުކުރު ދުވަހު ބާއްވަން ހަމެޖިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. ނަތީޖާ ހަމަހަމަވެގެން އަލުން ޕްރައިމަރީ ބާއްވަން ޖެހޭ ގޮނޑިތަކާއި ދާއިރާތައް ވަރަަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓު ލުމުގައި ގއ. މާމެންދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ލި ވޯޓުކަރުދާސްތައް އަންދާލައިފައި ވަނީ މިދިޔަ ހުކުރުދުވަހެވެ. އެ މައްސަލަ ހޫނުވީ އިދާރީ މޭޒުގައި ހުރި ކަރުދާސްތަކެއް މީހަކު ގޮސް ވީދާލުމާ ގުޅިގެންނެވެ. އެހިސާބުން އެ ސަރަހައްދަށް މީހުން އެއްވިއެވެ. އަދި އަޑުގަދަކުރަން ފެށުމުން ވޯޓުލުން މެދުކަނޑާލިއެވެ.

އެގޮތުން އިދާރީ މޭޒު ކައިރިއަށް އެއްވެފައި ތިބި ބައެއް މީހުން ވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ. ބައެއް ފަރާތްތަކުން އަންނަނީ ވޯޓު ފޮއްޓަށް "ވަގު ވޯޓު" އެޅި ކަމުގެ ތުހުމަތުވެސް ކުރަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ނަތީޖާ ހަމަހަމަވި ގޮނޑިތަކާއި ވޯޓު ބާތިލް ކުރި ގއ އަތޮޅުގެ ޕްރައިމަރީގެ ވޯޓުލުން އަންނަ ހުކުރު ދުވަހު ބާއްވަން އެ ޕާޓީން ނިންމާފައި ވާއިރު، އަންނަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމްގެ ޕްރައިމަރީ ވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ވާދަވެރި އެންމެ ބޮޑު ދެ ޕާޓީގެ ޕްރައިމަރީގެ ވޯޓު ލުން އަންނަ ހުކުރު ދުވަހު ކުރިއަށް ދާނެއެވެ.