ޗައިނާގެ ވޫހާން ސިޓީން އުފަންވެ، މުޅި ދުނިޔޭގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޓެސްޓު ކުރީ 7 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު ހާމަކޮށްފިއެވެ.

އެޗްޕީއޭން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޮރޯނާ ވައިރަހަށް ރާއްޖެއިން ޖުމްލަ 7 މީހަކު ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި މި ހުރިހާ ފަރާތްތަކުގެ ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުން، އެމީހުން ވަނީ އެޗްޕީއޭގެ މޮނިޓަރިންގެ ދަށުން ދޫކޮށްލާފައި ކަމަށް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން ބުނީ، މިހާތަނަށް މި ބައްޔަށް ޓެސްޓު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލި ހުރެދާނެ ކަމަށް ބެލެވޭ މިންގަނޑުތަކަށް ފެތިގެން އެކަހެރި ކޮށްފައި ނުވަތަ ކަރަންޓީނު ކޮށް ހިދުމަތް ދީފައި ވަނީ އެންމެ ފަރާތަކަށް ކަމަށެވެ. ނަމަވެސް މި މިންގަނޑުތަކަށް ނުފެތޭ 6 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓު ކޮށްފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މިންގަނޑުތަކަށް ނުފެތޭ 6 މީހުންގެ ތެރެއިން 4 މީހުންނަކީ ޗައިނާއިން ރާއްޖެއަށް ދަތުރުކޮށްފައިވާ ދިވެހިންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓް ކޮށްފައި ވާ ނަމަވެސް ބަލި ހުރެދާނެ ކަމަށް ޝައްކު ނުކުރެވޭ މީހުންނެވެ. ދެން ތިބި 2 މީހުންނަކީ، ބަލީގެ އަލާމާތެއް ނުފެންނަ ނަމަވެސް ޗައިނާއިން ދަތުރުކޮށްފައިވާ ދިވެހިންނެވެ.

ކޮރޯނާ ވައިރަހަށް 7 މީހަކު ޓެސްޓު ކުރިކަމަށް ސަރުކާރުން މި ބުނީ، ޓެސްޓުކުރަމުން ދިޔައީ 3 މީހުން ކަމަށް ބުނެ ތަކުރާރުކޮށް ބުނުމަށް ފަހު މިއަދު ރައީސްގެ ރިޔާސީ ބަޔާން އިއްވި ފަހުންނެވެ. ވޭތުވެ ދިޔަ ހަފްތާތަކުގައި ސަރުކާރުން މުޅިންވެސް ބުނަމުން ދިޔައީ ސާމްޕަލް ނަގާ ޓެސްޓް ކުރަން ފޮނުވީ 3 މީހެއްގެ ކަމަށެވެ.