ކުކުޅު ބިސް ބޭނުންކޮށްގެން ތަފާތު އެކި ހުނަރުތަކާ ފަންނުވެރިކަން ދައްކައިގެން ބެލުންތެރިންނާ ސަޕޯޓަރުން އާޝޯހް ކުރުވަމުން ދާ މީހުންގެ އަދަދު މަދެއް ނޫނެވެ. އެގޮތުން މި ލިސްޓަށް އެންމެ ފަހުން އިތުރުވި މީހަކީ ތުރުކިވިލާތުގައި މިކަމަށް އަރާހުރި ފަންނުވެރިޔާ ހާމިދު ހައިރާންއެވެ.

ހާމިދު ހައިރާންވަނީ ކުކުޅުބިހެއްގައި 12000 ލޯވަޅު އަޅައިގެން، ރެކޯޑް ހަދާފައެވެ. އުމުރުން 62 އަހަރުގެ ހާމިދު ހައިރާންއަކީ 1988 ވަނަ އަހަރު، މަސައްކަތުގެ މާހައުލުގައި ހިނގި އެކްސިޑެންޓްއަކާ ގުޅިގެން ޖިސްމާނީ ނުކުޅެދުންތެރިކަމެއްގައި އުމުރު ގުނަން ޖެހިފައިވާ މީހެކެވެ. ނަތީޖާއަކަށްވީ ކުކުޅު ބިސް ބޭނުންކޮށްގެން އެކި ކަހަލަ ފަރުމާތައް ކުރުމަށް އޭނާގެ ވަގުތުތައް ހުސްކޮށްލުމެވެ.

ކުކުޅު ބިހުގެ ފަރުމާތައް ކުރުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ހާމިދު ހައިރާން އޭނާގެ މަސައްކަތުގައި/ފޮޓޯ: ސީއެންއެން ތުރުކް

ކުކުޅު ބިހުގައި އެންމެ ގިނަ ލޯވަޅު އަޅައިގެން އޭނާ ވަނީ މީގެ ކުރިންވެސް ދުނިޔޭގެ ރެކޯޑް ހަދާފައެވެ. އެފަހަރު އޭނާއަށް އެޅުނީ 8708 ލޯވަޅެވެ. އޭގެ ފަހުންވެސް އެ ރެކޯޑް މުގުރާލީ ޚުދު ހާމިދު ހައިރާންއެވެ. އެފަހަރު 11827 ލޯވަޅު އެޅިއިރު، މިފަހަރު އޭނާ މިވަނީ 12000 ލޯވަޅު އަޅާފައެވެ.

1 ކުކުޅު ބިހުގައި 12000 ލޯވަޅު އެޅި ކޮން އުކުޅެއް ބޭނުންކޮށްގެން ކަމެއް ނުވަތަ އެހާ ބައިވަރު ލޯވަޅު އެޅިއިރު ބިސް ހަލާކުވެ ނުވެ އޮތީ ކޮން ސިއްރަކާ ހެދި ކަމެއް ހާމިދު ހައިރާން ހާމަކޮށްފައެއް ނުވެއެވެ. ހާމިދު ހައިރާން ބުނިހާވެސް ވާހަކައަކީ، ސިރިންޖެއް ބޭނުންކޮށްގެން ބިހުގެ އެތެރޭގެ ބައިތައް "ސާފުކޮށްފައި" ވާނެ ކަމަށެވެ.

ކުކުޅު ބިހުގެ ފަރުމާތައް ކުރުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ހާމިދު ހައިރާން ރެކޯޑް ހަދާފައިވަނީ 1 ބިހުގައި 12000 ލޮވަޅުއަޅައިގެން/ފޮޓޯ: ހުއްރިއްޔާތު

ކުކުޅު ބިހެއްގައި 12000 ލޯވަޅު އެޅުމުގެ މިމަސައްކަތުގައި އަހަރެއްހާ ދުވަސް އޭނާ ހޭދަކުރި ކަމަށް ޚަބަރު ލިބެއެވެ.