ހަރުކަށި ފިކުރު ފެތުރި މޫލާފައި ވަނީ ކުރީގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއްޖެއެވެ.
މިއަދު ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ހިލާފު ހިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން އާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ރައީށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ކަންކަން ހައްލުކުރުމަށް، ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރެވޭނޭހެން، ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓާ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. ޓެރަރިޒަމާއި ހަރުކަށި ހިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުއާމަލާތު ކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފެށޭނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިއުމަށްފަހު އެނބުރި އަންނަ މީހުން، އިސްލާހްކޮށް މުޖްތަމައަށް ގެނައުމަށްޓަކައި ގާއިމްކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ އިމާރާތް ވެސް މިހާރުވަނީ ހަދައި ނިމިފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ފިކުރާއި، ދީނާ ހިލާފު ހިޔާލު ފާޅުކުރުން މަދު ކުރުމަށް ރައްޔިތުންގެ ދީނީ އަގީދާ ވަރުގަދަކޮށް، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި، ސާބިތުވެ ތިބުމަށް ކުރަންޖެހޭ އެންމެހައި ކަންކަމަށް މިދިޔަ އަހަރުވެސް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް، 8 ރަށެއްގައި މިސްކިތް އިމާރާތްކުރަމުން ދާއިރު، އިތުރު 9 ރަށެއްގައި 12 މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުގައި ހަރުކަށި ފިކުރުގެ މީހުންގެ މައްސަތައް ވަނީ ފެންމަތިވެފައެވެ. މި ކަންކަން ގިނައިން ފެތުރެމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ލަނޑާ ނަގަން ދިޔަ ދޯންޏެއްގައި ހިނގި މާރާމާރިއަކަށް ފަހު ދެން ފެންމަތިވަމުން ދިޔަ ވާހަކަތަކެއްގެ ސަބަބުންނެވެ. އެގޮތުން މާރާމާރި ހިންގި އިރު ހަމަލާ ލިބުނު ޒުވާނާ އުޅުނީ 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނި ކޮށްގެންކަން ހާމަވިއެވެ. މީގެއިތުރުން ރަށެއްގައި ޖަމާއަތުގައި މިސްކިތުގައި ނަމާދުނުކުރާ ބައެއް އުޅެމުން ދިޔަ މައްސަލައަކާއި ކުޑަކުދިންނަށް ދޭން ޖެހޭ ވެކްސިނާއި އެކުދިން ސްކޫލަށް ނުފޮނުވާ ބެލެނިވެރިން އިހުމާލުވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެެވެ. މި މައްސަލަތަކާ ގުޅިގެން ފުލުހުންނާއި ސިފައިން އަދި ޖެންޑާ މިނިސްޓްރީ އުކުވެ ރ. މަޑުއްވަރީގައި ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.