ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ފާސްކުރުމަށް ވާހަކަ ދައްކަމުންދާތާ 28 އަހަރު ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިމަހު 20 ގައި އަމަލުކުރަން ފަށާނެ ކަމަށެވެ. އެހެންކަމުން ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ހަމައެއާއެކު މި މަހުގެ 20 ވަނަ ދުވަހު އަމަލުކުރަން ފަށާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ ކުރީގެ ސަރުކާރުތަކުން ފާސްކުރުމަށް ވާހަކަދައްކާފައިވާ ގާނުނެއް ކަމަށާއި އަދި އެ ގާނޫނު ފާސްކުރުމަށް ވާހަކަދައްކާތާ 28 އަހަރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ މަހެއްހާ ދުވަސް ހޭދަކުރީ ވަރަށް ހިތްދަތި އިހްސާސްތަކެއްގެ ތެރޭގައި ކަމަށެވެ. އެއީ އުމުރުން ދެ އަހަރުނުވާ "މައުސޫމް ތުއްތު" އަންހެން ކުއްޖަކަށް، އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އިހްސާސްތައް ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަން އެހެން ހިނގުމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބެއް ކަމަށް ރައީސް ވިދާޅުވީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ އަދުލު އިންސާފު އަރައި ހަމަނުކުރުން ކަމަށާއި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަވެސް ނުނިމި އެބަހުރި ކަން ރައީސް ފާހަގަކުރެއްވިއެވެ.
ކުޑަކުދިންގެ މައްސަލަތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވާ މައްސަަލައަށްވެސް ވަހަކަ ދައްކަވާފައެެވެ. އެގޮތުން އެފަދައިން ކުދިން ގެންގުޅުމަކީ، މިހާރު ތަސްދީގޔކޮށްފައި އޮތް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ބަލާއިރުވެސް، މައިންބަފައިންނަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެތަ އަނިޔާލިބުނު ކުއްޖާގެ ވާހަކަތަށް ތިލަކޮށްދިންފަރާތް ވަޒީފާއިން ވަކިކުރީ!