މިއަހަރު ނިމޭއިރު، ދައުލަތުގެ ރިޒާވް ހުންނާނީ 818 މިލިއަން ޑޮލަރުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ، މިދިޔަ އަހަރު ނިމިގެން ދިޔައިރު، ރިޒާވް ހުރީ 753 މިލިއަން ޑޮލަރުގައި ކަމަށާއި، މި އަހަރު ނިމޭއިރު ރިޒާވް ހުންނާނީ 818 މިލިއަން ޑޮލަރުގައި ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 315 މިލިއަން ޔޫއެސް ޑޮލަރު ކަމަށެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ގައުމީ ތަރައްގީގެ ދުވެލި ހަލުވި ކުރުމުގެ ސިޔާސަތުގެ ދަށުން، ޓެކްސް ނިޒާމު ވަރުގަދަކޮށް، އާމްދަނީން ނެގޭ ހުރިހާ ޓެކުހެއް މިހާރުވަނީ އެއް ގާނޫނެއްގެ ދަށަށް ގެނެސްފައި ކަމަށެވެ. އަދި މި ބަދަލާއެކު އަލަށް ތައާރަފުވި، އުޖޫރައިގެ އާމްދަނީން ޓެކްސް ނެގުމުގެ ކަންކަން، އަންނަ އެޕްރީލް މަހުން ފެށިގެން ކުރިއަށްދާނެ ކަމަށާއި، ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅުމަށް އަޅުގަނޑު ގަސްދު ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިއަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރެކޯޑް މިންވަރަކަށް ބޮޑު ބަޖެޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީ ވެސް، ބޮޑު ބަޖެޓަކަށް ވާނެ ކަމަށާއި، އެއީ މިއަހަރާއި އަންނަ އަހަރަކީ، ތަރައްގީގެ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށަން ރާވާފައިވާ ދެ އަހަރަށް ވާތީ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއަށް ފަހު އަމާޒު ހިއްޕަވާނީ، ދަރަނި ކުޑަ ބަޖެޓަކަށް ކަމަށާއި މިއީ ރަނގަޅު ރޭވުމެއްގެ މަތިން، އަމާޒެއް އޮވެގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމްލަ 23.1 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދަކީ 28.3 ބިލިއަން ރުފިޔާ ކަމަށާއި، ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 5.2 ބިލިއަން ރުފިޔާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ

ރައީސް ސޯލިހް 2020 ވަނަ އަހަރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާ ކަމަށާއި މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 30 އިންސައްތަ އިތުރު މިންވަރެއް ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 24.7 ބިލިއަން ރުފިޔާ ކަމަށާއި، މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 12 އިންސައްތަ އިތުރު މިންވަރެއް ކަމާށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުރި މިސްރާބާއި ދުނިޔޭގެ އިގްތިސޯދަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިއަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުންނާނެ ކަމަށް ބެލެވެނީ 7.5 އިންސައްތައިގައި ކަމަށާއި، މިއަހަރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ހުންނާނެކަމަށް ބެލެވެނީ 1.0 އިންސައްތައިގައި ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.