މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާންގައި އުފެދ، އެހެން ސަރަހައްދުތަކަށާ ގައުމުތަކަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ އަސަރުކުރާ މީހުންގެ އަދަދު އިތުރުވެ، ޗައިނާގެ ހޮސްޕިޓަލުތައް ފުރެމުންދާ ދިއުމަށް ހައްލު ހޯދުމުގެ ގޮތުން ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި ޗައިނާއިން ބިނާކުރި 2 ހޮސްޕިޓަލުގެ މަސައްކަތް ނިންމާ، މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.

މިއަދު ޚިދުމަތް ދޭން ފަށާފައިވަނީ 1 ހޮސްޕިޓަލުގައެވެ. އަނެއް ހޮސްޕިޓަލުގައި ހުރިހާ ކަމެއް މުޅިން ފުރިހަމަ ވާނީ އަންނަ ބުދަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

2019-އެންކޯވް ވައިރަސް އުފެދި، އެންމެ ފުރަތަމަ ފެތުރެން ފެށި ހޫބޭ ޕްރޮވިންސްގައި ހުޅުވި ހޫޝެންޝާން ހޮސްޕިޓަލުގައި ހިދުމަތް ކުރުމަށް ޗައިނާގެ އެކި ހިސާބުތަކުން އެތައް ސަތޭކަ ސިއްހީ ތަޖުރިބާކާރުންނެއް މިހާރު ވަނީ އެސަރަހައްދަށް ގޮސްފައެވެ. މިވަރުންވެސް ހޫބޭ ޕްރޮވިންސްގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ފާހާނާއަށްވެސް ގޮސްލާނެ ވަގުތު ނުވާކަމަށް ޚަބަރު ލިބެއެވެ. އެގޮތުން، ސިއްހީ އެހީދޭ ފަރާތްތަކުން ވަޒީފާ ނިކުންނަނީ ނެޕީޖަހައިގެން ކަމަށް ބުނާ ޚަބަރުތަކެއްވެސް ވޮޝިންގްޓަން ޕޯސްޓްއިންވަނީ ގެނެސްދީފައެވެ.