ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އދިން ހިންގާ (ޔޫއެންއާރްޑަބްލިއުއޭ)ގެ މަޝްރޫއުތަކަށް އެންމެ މަދުވެގެން 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ބޭނުންވާކަމަށް، އެ މަޝްރޫއު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިސްވެރިޔާ ކްރިސްޓިއަން ސޯންޑާޒް ވިދާޅުވެއްޖެއެވެ.
ސޯންޑާޒް ވިދާޅުވީ މި ފައިސާއަކީ 2020 ވަނަ އަހަރުގެ ކުރިއަށް އޮތް ތަނުގައި ފަލަސްތީނުގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމާ ގުޅިފައިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ކަމަށެވެ.
މެދުއިރުމަތީގެ އެކި ހިސާބުތަކުގައި ފަލަސްތީނުގެ ރެފިއުޖީންގެ ގޮތުގައި ޔޫއެންއާރްޑަބްލިއުއޭގައި ދަފުތަރުކޮށްފައިވާ މީހުންގެ އަދަދު 5.6 އަށްވުރެ މައްޗަށް އަރައެވެ.
ސޯންޑާޒް ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޯނަރުން ވައުދުވެފައިވާކަމަށެވެ. އދގެ އޮފިޝަލު ވަނީ، މިކަމަށް އަމަލީ ސިފަ ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ސޯންޑާޒް ވިދާޅުވީ މި ފައިސާއަކީ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމާވެސް ގުޅިފައިވާ ފައިސާތަކެއް ކަމަށެވެ.
ސޯންޑާޒް ވިދާޅުވީ މި ހިނގާ 2020 ވަނަ އަހަރަކީ ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސް، ގައްޒާ، އުރުދުން، ލުބްނާން އަދި ސޫރިޔާގައި ދަފުތަރުކޮށްފައިވާ ފަލަސްތީނުގެ ރެފިއުޖީންގެ ހިމާޔަތާ، އިންސާނީ ތަރައްގީއާ ގުޅުންހުރި ކަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އަހަރެއްކަމަށެވެ. ފަލަސްތީނުގެ ރެފިއުޖީން ހިމާޔަތް ހޯދަމުންދާ ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ އަޅުވެތި އިސްތިއުމާރުގެ ދަށުގައި އޮތް ތަނަކަށްވާއިރު، ސޫރިޔާގެ ހަމަނުޖެހުންތަކާ ހަނގުރާމަ ހުއްޓުމަކަށް އައިސްފައި ނުވާކަމަށާ، ލުބްނާނުގައި ސިޔާސީ ކޯޅުންގަނޑު ވަރުގަދަވެ، އުރުދުންގައި ޛަރޫރީ ބޭނުންތަކަށް ޖެހޭ މިންވަރު އިތުރުވަމުން އަންނަކަން ސޯންޑާޒް ވަނީ ފާހަގަކުރައްވާފައެވެ.
ފަލަސްތީނުގެ ރެފިއުޖީންގެ އަސާސީ ބޭނުންތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދިޔަނަމަވެސް އދގެ އެހީގެ ބަޖެޓް ދަނީ 'ހުލި'ވަމުން ކަން އދގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.
އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ޔޫއެންއާރްޑަބްލިއުއޭއިން ކަނޑައަޅާފައިވާ ބަޖެޓަކީ މެދުއިރުމަތީގެ އެކި ހިސާބުތަކުން 700 އެއްހާ ސްކޫލުގައި ދަފުތަރުކޮށްފައިވާ ފަލަސްތީނުގެ ބައި މިލިއަނެއްހާ އަންހެން ކުދިންނާ ފިރިހެން ކުދިންގެ ތައުލީމަށްވެސް ހިނގާ ޚަރަދު ހިމެނޭ ބަޖެޓެކެވެ. މީގެ އިތުރުން، ސިއްހީ ފަރުވާދޭ މަރުކަޒަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު 8.5 މިލިއަން ޕޭޝަންޓުންނަށްމި ބަޖެޓްގެ ތެރެއިން ފަހިކޮށްދެވޭނެ ކަމަށްވެސް އދއިން ބުނެއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އދއިން ހިންގާ މަޝްރޫއުގެ ބަޖެޓަށް މައްސަލަތަކެއް ކުރިމަތިވެފައިވަނީ، މާލީ އެހީ ދޭ އެންމެ ބޮޑު ޑޯނަރުގެ ގޮތުގައި އޮތް އެމެރިކާއިން އެހީ ދިނުން ހުއްޓާލުމާ ގުޅިގެންނެވެ.