ކޮރޯނާއިން ރައްކާތެރިވުމާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކަމާގުޅޭ އިދާރާތަކާ ރައީސް ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާވައިރަސް" އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އެޅުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވުމަށް ރައީސް ސޯލިހް ބައެއް ވަޒީރުންނާއި ކަމާގުޅޭ އިދާރާތަކުގެ މެންބަރުންނާ މިއަދުވަނީ ބައްދަލުކުރައްވާފަ އެވެ.

ރައީސްގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވާ، އިރުޝާދު ދެއްވައި މިކަމުގައި ހުރިހާ އިދާރާތަކުންގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.