އެންމެ ގަދައަށް ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވި 7 ދިވެހިން، އިންޑިއާއަށް ގެންދިއުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާކުރައްވައިފިއެވެ.

ވޫހާނުން 7 ދިވެހިން އިންޑިއާއަށް ގެންގޮސް ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރައީސް ސޯލިހް ވަނީ އެ ދެ ގައުމުގެ އިސްވެރިންނަށް ވެސް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން، އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، އިންދިއާގެ ފޮރިން މިނިސްޓަރު ޑރ. ޖޭޝަންކަރު އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒިއާންގް ލިޒޯންގް އަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ ރައްޔިތުން ބަލައި ވޫހާނަށް ދިޔަ ފްލައިޓުގައި ދިވެހިން އެ ގައުމަށް ގެންދިއުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ހަރުދަނާ ގުޅުމުގެ މިސާލެއް ކަމަށެވެ.

ވޫހާނުގައި ތިބި 7 ދިވެހިން އިންޑިއާއަށް ގެންދިޔުން

އިންޑިއާގައި ކަރަންޓީން ކުރި 7 ދިވެހިން ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ދިއްލީގައި 14 ދުވަހު ބޭތިއްބުމަށް ފަހުއެވެ. މި 7 ދިވެހިން ދިއްލީއަށް ގެންދިޔައީ، ވޫހާނުގައި ތިބި އިންޑިއާގެ 323 މީހުން ބަލާ، ވޫހާނަށް ދިޔަ އެއާ އިންޑިއާގެ ފްލައިޓެއްގައެވެ. އިންޑިއާގެ ކަރަންޓީނު ފެސިލިޓީއަށް 7 ދިވެހިން ފޯރާނެ ކަމަށް ލަފާ ކުރާ ގަޑިއަކީ މިއަދު 12 ޖަހާއިރެވެ. އަދި އެ ފެސިލިޓީއަށް ދިވެހިން ދާއިރު، ރާއްޖެ ސަރުކާރުގެ ފަރާތުން، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއެވެ.

ވޫހާނުގައި ތިބި 7 ދިވެހިން އިންޑިއާއަށް ގެންދިޔުން

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިވަގުތު ޗައިނާގައި ތިބީ ޖުމްލަ 43 ދިވެހިން ކަމަށެވެ.