ގައުމެއްގެ ޝަރަފު ދިފާއު ކުރަން ލަދު ގަންނަ ބަޔަކު ބޭޒާރު ވާނީ ހުތުރުކޮށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ވިދާޅުވެއްޖެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ، އެމްޑީޕީން ބާއްވާ އެޕާޓީގެ ޕްރައިމަރީއާއެކު އިދިކޮޅު ފަރާތްތަކުން މޭކަރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވުމާ ގުޅިގެންނެވެ. އެވާހަކަތަކައް ރައްދު ދެއްވައި ޖަމީލް ވިދާޅުވީ، އެކަކު ނެތަސް އެމްޑީޕީން އަމިއްލައަށް ހަލާކުވާތަން އެބަ ފެނިވަޑައިގަންނަވާ ކަމަށާއި، ގައުމެއްގެ ޝަރަފު ދިފާއު ކުރަން ލަދު ގަންނަ ބަޔަކު ބޭޒާރު ވާނީ ހުތުރުކޮށް ކަމަށެވެ. އަދި "ފައިން އެރުމަށް" ފަހުވެސް ހުވާ ކުރަން ޖެހިވަޑައިގަތީ އެ ގާނޫނު އަސާސީގެ ދަށުން ނޫންތޯވެސް ޖަމީލު ސުވާލުކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި ދުަވަސްވަރުވަނީ ގާނޫނު އަސާސީގެ މައްޗަށް ފައިން އަރުއްވާ ފޮޓޯއެއް އާންމުވެފައެވެ. މީގެ އިތުރުން މާރިޔާ ވަނީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ގައުމީ ދިފާއީ ބާރަށް އިހާނެތި ބަސްތައް ރައްދު ކުރައްވާފައެވެ. މީގެ އިތުރުން، އިންޑިއާ ސިފައިން ބޭނުންވެއްޖެނަމަ އިންޑިއާއަށް ރާއްޖެ ހިފިދާނެ ކަމަށާއި އަމިއްލައަށް ހެލިކޮޕްޓަރު ދުއްވުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި ނެތްކަމަށް ވެސް މާރިޔާ ވިދާޅުވެފައި ވެއެވެ.