އަމިއްލަ ނަފުސުގެ ރައްކާތެރި ކުރުމާ، ވައިރަސް ކޮންޓްރޯލް ކުރުމުގެ ނަޒަރިއްޔާއިން ބަލާއިރު، ތަޖުރިބާކާރުން ބުރަވާ ގޮތުގައި އެންމެ މުހިންމު ކަމެއް ދޭންވީ ސައިބޯނިލައިގެން ގަވައިދުން، ގިނަގިނައިން ވީހާވެސް ރަނގަޅަކަށް އަތް ދޮވުމަށެވެ. މީގެ އިތުރުން ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް، ޓިޝޫ ފަދަ އެއްޗަކުން ނިވާކޮށް، އެ ޓިޝޫ، ބަންދު ވަށިގަނޑަކަށްލާ ނައްތާލުމެވެ.

2019-އެންކޯވްއަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ކަމާބެހޭ ސިއްހީ ފަރާތްތަކަށް ފޯނުގެ ޒަރިއްޔާއިން އެކަން އެންގުމަށްފަހު ވީ އެންމެ އަވަހަކަށް އެ ފަރާތެއްގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

2019-އެންކޯވް ފެތުރެން ފެށުމާއެކު އެ އެއްޗަކަށް އެންމެ ބޮޑު ޑިމާންޑެއް އިތުރުވެގެން ދިޔައީ ފޭސްމާސްކް ނުވަތަ އަނގަޔާ ނޭފަތް ނިވާވާ ގޮތަށް އަޅާ މާސްކަށެވެ. ކަންމިހެން އޮތްއިރު، ވައިގެ ޒަރިއްޔާއިން ފެތުރޭ ވައިރަސްތަކުން ދިފާއުވުމުގައި މިފަދަ ފޭސްމާސްކްއަކުން އެންމެ ފުރިހަމަ ރައްކާތެރިކަން ކަށަވަރުވެދާނެ ކަމާ މެދު ސައިންސްވެރިން ސުވާލު އުފައްދައެވެ.

އާންމުކޮށް ވިއްކަން ހުންނަ ފޭސްމާސްކުތަކުން ފޯރުކޮށްދެނީ ކޮންމެވެސް ވަރެއްގެ ދިފާއެކެވެ. މޫނުގެ ބައްޓަމަށް ބަލާއިރު ރަނގަޅަށް ބާރުވެސް ނުކުރެވޭ މި މާސްކުތައް ހަދަން ބޭނުންކޮށްފައިވާ ބާވަތްތަކުގެ ސަބަބުންވެސް ވައިރަހުގެ އަސަރު ހަށިގަނޑަށް ކުރުން އެކަށީގެންވެއެވެ.