ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެއްކެވި ވާހަކަފުޅަށް ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ ރައްދު ދެއްވައިފިއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ދުނިޔޭގެ ހުރިހާ ގައުމަކުން ފިޔަވަޅު އަޅާ ނިމުނު އިރުވެސް ރާއްޖެ އޮތީ ހަދާނެ ގޮތެއް ނޭނގިފައި ކަމަށެވެ. އެ ބަލި ޓެސްޓު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެކަން ފާހަގަ ކުރައްވާ ޑރ. ޖަމީލް ވަނީ ރާއްޖޭގައި އެބަލި ނެތްކަން ކަށަވަރު ނުވާކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ފެއިލްވެފައިވާ ޕޮލިސީއަކުން އެންމެން ބޮޑު ނުރައްކަލަކަށް ހުށަހަޅާފައި ވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ އިބްރާހީމް ދީދީ ވިދާޅުވީ ގައުމަށް ބޮޑު މުސީބާތެއް ދިމާވެދާނެ ހާލަތެއް ކުރިމަތިވެދާނެ ކަމަށް އެންމެން އެކަމުގެ ދިފާއުގައި މަސައްކަތް ކުރާއިރު ޑރ. ޖަމީލް އުޅުއްވަނީ އެކަމުގެ ސިޔާސީ ފައިދާ ނަންގަވާ މީހުން ރުޅިއެރުވުމަށް ކަމަށެވެ. އަދި އެއީ ގައުމުދެކެ ލޯބިވާ މީހުން އުޅޭ ގޮތްތޯ އިބްރާހީމް ދީދީ ވަނީ ސުވާލު އުފައްދާފައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އެދެ ޕާޓީން ވަނީ އެކަމުގައި މިއަދު ބަޔާނެއްވެސް ނެރެފައެވެ. އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދީ އެ ބައްޔާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރު ކޮށްދިނުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން އަންނަނީ ބުނަމުންނެވެ. އަދި އެފަދަ މީހަކު ފެނިއްޖެ ނަމަ އަމަލުކުރާނެ ގޮތުގައި ފުރިހަމަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ތަކުރާރު ކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ.