ފޮޓޯއާއި ވީޑިއޯ ހިއްސާކުރުމުގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އިންސްޓަގްރާމް"ގައި 200 މިލިއަން ފޮލޮވާޒްގެ މާކު ހުރަސްކުރި ފުރަތަމަ މީހާގެ ޝަރަފު، ކުޅަދާނަ ފޯވަޑް ކްރިއަސްޓަނޯ ރޮނާލްޑޯ ހޯދައިފިއެވެ.

ފުޓުބޯޅައިގެ ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ނުވަތަ "ބަލޯންޑިއޯ" ޓްރޮފީ 5 ފަހަރެއްގެ މަތިން އުފުލާލާފައިވާ ރޮނާލްޑޯ، އިންސްޓަގްރާމްގައި ރެކޯޑް ހަދާފައި މިވަނީ، ފުޓުބޯޅަ ދަނޑާ އޭގެ ބޭރުންވެސް އޭނާގެ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި ސިފަކުރަމުން އަންނަ އާޖެންޓީނާގެ ލައޮނަލް މެސީވެސް ފަހަތަށް ޖައްސާލުމަށްފަހުގައެވެ. މެސީގެ އިންސްޓަގްރާމް ފޮލޯވާޒް ރެކޯޑަކީ 141 މިލިއަނެވެ.

ޖުވެންޓަސްގެ މަޝްހޫރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ/ފޮޓޯ: އިންސްޓަގްރާމް

އިންސްޓަގްރާމްގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ އެކައުންޓްތަކަށް ބަލާއިރު، ރޮނާލްޑޯ އޮތީ ލިސްޓުގެ 2 ވަނާގައެވެ.

އޭނާއަށް މި ލިބުނު ޝަރަފު ފާހަގަކޮށް، ރޮނާލްޑޯ ވަނީ އޭނާގެ އިންސްޓަގްރާމް ފޮލޮވާޒްއަށް ޝުކުރު އަދާކޮށް، އެ ޕްލެޓްފޯމަށް ޕޯސްޓެއްވެސް ދޫކޮށްލާފައެވެ.

އިންސްޓަގްރާމްއަކީ މަޝްހޫރުކަން ހޯދުމުގެ އިތުރުން ރޮނާލްޑޯއަށް ބޮޑު އާމްދަނީއެއްވެސް ލިއްބައިދޭ ޕްލެޓްފޯމްއެކެވެ. އިންސްޓަގްރާމްގެ މާކެޓިންގް ކުންފުނި ހޮޕާއެޗްކިއުއިން މައުލޫމާތު ދޭ ގޮތުގައި، ރޮނާލްޑޯ ކުރާ ކޮންމެ ސްޕޮންސާ ޕޯސްޓަކަށް 900000 ޔޫރޯ (991008 ޑޮލަރު) އޭނާއަށް ލިބޭނެއެވެ. ޖުވެންޓަސްގެ ފޯވަޑް ރޮނާލްޑޯގެ އަހަރީ އާމްދަނީ އަގު ގާތްގަނޑަކަށް 48 މިލިއަން ޔޫރޯ (52853040 ޑޮލަރު) އަށް އަރައެވެ.