ޗައިނާއިން އުފެދި ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި 2019-އެންކޯވް ރޯގާގެ މައްޗަށް ކުރި ހޯދޭނެ ކަމުގެ އިތުބާރާ ގާބިލިއްޔަތުކަން އެގައުމަށް ލިބިފައިވާކަމަށް ޗައިނާއިން ބުނެފިއެވެ.

އެގައުމުން މިހެން ބުނެފައި މި ވަނީ، ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލު ޖަނަވާރު ވިއްކަމުންދިޔަ ސީފުޑް ބާޒާރަކުން އުފެދިގެން އައި 2019-އެންކޯވް ރޯގާ މިހާރު އޮތީ ބައިނަލްއަގުވާމީ ސިއްހީ ކުށްލި ނުރައްކަލުގެ ދަރަޖާގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކަނޑައެޅި އެޅުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން، ޗައިނާ ހާރިޖިއްޔާގެ ތަރުޖަމާނު ހުއާ ޗުންޔިންގް ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

ހުއާ ވިދާޅުވީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ އާންމު ސިއްހަތު ހާލަތު ކަށަވަރު ކޮށްދިނުމަށްޓަކައި އެހެން ގައުމުތަކާ، ޑަބްލިއުއެޗްއޯއާއިއެކު ޗައިނާއިން އަދިވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ޗައިނާއިންވަނީ 2019-އެންކޯވްގެ ވައިރަހުގެ ޖީން ކޮޕީއަކާ ގުޅޭ މައުލޫމާތު، ޑަބްލިއުއެޗްއޯއާއި ހިއްސާކޮށްފައެވެ. ކަންމިހެން އޮތް ނަމަވެސް،މި ރޯގާއަށް ވެކްސިންއެއްގެ އިތުރުން ފަރުވާއެއްވެސް އަދި ހޯދިފައެއް ނުވެއެވެ.