ރައީސް ސޯލިހްގެ ވައުދާ އެއްގޮތަށް ނަފްސާނީ ބަލިތަކަށް ބޭސްކުރުމަށް އާސަންދަ ދޭން ނިންމައިފިއެވެ.
އާސަންދައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަމިއްލަ ކްލިނިކް ކްލިނިކްތަކާއި ހޮސްޕިޓަތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް އާސަންދަ ސްކީމުގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އާސަންދައިން ބުނީ، މި އިންތިޒާމް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުން ފެށިގެން ކަމަށެވެ.
އާސަންދައިގެ ސްކީމުން ކަށަވަރުކުރާ ނަފްސާނީ ބަލީގެ ފަރުވާތަކުގެ ތެރޭގައި، ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ ހިމެނެއެވެ.
މި ސްކީމުގެ ދަށުން ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން ހޯދާ މިފަދަ ހިދުމަތްތަކަށް ކަނޑައެޅިފައި ވަނީ އަހަރަކަށް ޖުމްލަ 5000 ދިވެހި ރުފިޔާއެވެ.
އާސަންދައިން މި އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ހުޅުވައި، އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުންނެވެ. މި ވައުދުފުޅުގެ ދަސުން އެމަނިކުފާނު ވަނީ މިދިޔަ މާޗް މަހު 1 ވަނަ ދުވަހު އައިޖީއެމް ހޮސްޕިޓަލުގައި "ސެންޓާ ފޯ މެންޓަލް ހެލްތް ސެންޓާ" ގެ ނަމުގައި ކްލިނިކެއް ހުޅުވާ ދެއްވާފައެވެ.