އިރުގެ ސަތަހައިގެ މިހާތަނަށް ލިބިފައި ނުވާ ވަރުގެ ތަފްސީލީ މަންޒަރުތަކެއް އާންމުކޮށްފިއެވެ.

ހަވާއީގައި ގާއިމުކޮށްފައިވާ ޑެނިއަލް ކޭ އިނޯޔޭ ސޯލާ ޓެލެސްކޯޕް އިން ނަގާފައިވާ މިމަންޒަރުތަކުން ފެނިގެންދަނީ މާ ސިންގާ އިރުގެ ސަތަހައިން ގާތްގަނޑަކަށް 30 ކިލޯމީތަރުގެ ސަރަހައްދެކެވެ.

ދުނިޔެއާއި ގާތްގަނޑަކަށް 149 މިލިއަން ކިލޯމީޓަރު ދުރުގައިވާ، އިރުގެ ވަށަމިނުގައި ގާތްގަނޑަކަށް 1.4 މިލިއަން ކިލޯމީޓަރު ހުންނައިރު 30 ކިލޯމީޓަރުގެ ސަރަހައްދެއްގެ މަންޒަރުތައް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ސައިންސްގެ ޚަބަރުތައް ބުނެއެވެ.

އިރުގެ ސަތަހައިގެ އާ މަންޒަރުތައް/ފޮޓޯ: ޑެނިއަލް ކޭ އިނޯޔޭ ސޯލާ ޓެލެސްކޯޕް

ލިބިފައިވާ މަންޒަރުތަކަށް ބަލާއިރު ސެލްތަކެއްގެ ގޮތުގައި އިރުގެ ސަތަހަ ފެންނަން ހުރިއިރު، މިއިން ސެލްއެއްގެ ބޮޑު މިން، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްއާ އެއްވަރު ވާނެ ކަމަށް މައުލުމާތު ލިބެއެވެ. މި ސެލްތައް ފުރިފައިވަނީ ހޫނުގަން ގަދަ ގޭހުންނެވެ.