ސްޕޭސް އެކްސްގެ ފުރަތަމަ ޖައްވީ މިޝަންގައި އޭނާއާއިއެކު ފަތުރުވެރިއެއްގެ ގޮތުގައި ހަނދަށް ދިއުމަށް 'ހަޔާތުގެ ބައިވެރިއަކު' ހޯދަން އިއުލާން ކުރި ޖަޕާނުގެ ބިލިއަނަރު، ޔުސާކީ މައެޒާވާ އެކަން ހުއްޓާލައިފިއެވެ.

ހަނދުގެ ވަށައިގެން ބުރެއް ޖެހުމަށް ސްޕޭސް އެކްސްއިން ހުޅުވާލި ފުރުސަތުގައި ޖައްވަށް ދިއުމަށް އޭނާއާއިއެކު ހަޔާތުގެ ބައިވެރިއަކު ގެންދިއުމަށް ނިންމާ، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޔުސާކީ ހުޅުވާލިއެވެ.

އުމުރުން 44 އަހަރުގެ މަހުޖަނު މިކަން އިއުލާންކުރީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެގޮތުން އުމުރުން 20 އަހަރު ފުރިފައިވާ، ހުސްހަށިބައި ކޮންމެ އަންހެނަކަށްވެސް މިކަމަށް އެދި ކުރިމަތިލެވިދާނެ ކަމަށް ޔުސާކީ ބުންޏެވެ. ޔުސާކީއާއިއެކު ހަނދަށް ދިއުމުގެ ނަސީބު 1 އަންހެނަކަށް ލިބުނު ކަމުގައި ވީ ނަމަވެސް، އެ މީހަކު ހޮވަން ކުރާ މަސައްކަތާ ދަތުރަށް ވަމުންދާ ތައްޔާރީގެ މައްޗަށް ބިނާކޮށް އެހެން އެޕްލިކަންޓުންގެ ވާހަކަތައްވެސް ހިމަނައިގެން "ފުލް މޫން ލަވާޒް"ގެ ނަމުގައި ޑޮކިއުމަންޓްރީ ފިލްމެއް ހެދުމަށްވެސް ކުރިން އޮތީ ރާވާފައެވެ.

މިކަމަށް އެދި 28000 އެއްހާ އެޕްލިކޭޝަން ލިބިފައި ވީ ނަމަވެސް، މިއަދުގެ ވަގުތެއްގައި ޔުސާކީ މިކަން ކެންސަލްކުރީ، އޭނާގެ ހިޔާލު ބަދަލުވާން ފަށާ، ދެވަނަ ވިސްނުމެއް އަންނަން ފެށުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތް ނަމަވެސް، ކުރިންވެސް ރާވާފައި އޮތް ގޮތަށް، 2023 ވަނަ އަހަރުގެ ޖައްވީ ދަތުރު ކުރިއަށްގެންދިއުމަށް ޔުސާކީ ވަނީ ނިންމާފައެވެ.

އުމުރުން 27 އަހަރުގެ ބަތޮލާ އަޔާމީ ގޮރީކީއާ ޔުސާކީގެ ލޯބީގެ ގުޅުމުގައި ސިއްކަ ޖެހީ ދާދި ފަހުންނެވެ.

އީލޯން މަސްކްގެ ސްޕޭސް އެކްސް އިން ފަތުރުވެރިން ގޮވައިގެން ޖައްވަށް ކުރާ ފުރަތަމަ ދަތުރުގެ ފުރަތަމަ ފަސެންޖަރަކީ ޔުސާކީކަން އިއުލާންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.