އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ސީއީއޯއެއް ހޯދަން އެކުންފުނިން އިއުލާންކޮށްފިއެވެ.

މިއީ އެކުންފުނި އުފެދުނު ފަހުން ސީއީއޯއެއް ހޯދުމަށް އިއުލާންކުރި ފުރަތަމަ ފަހަރެވެ. އެކަން ބޭރުގެ ބައެއް ނޫސްތަކާއި އެމްއޭސީއެލްގެ ވެބްސައިޓްގައި ވަނީ އިއުލާންކޮށްފައެވެ. އެމްއޭސީއެލް ހިންގެވުމާ މިހާރު ހަވާލުވެ ހުންނަވަނީ ރައީސް ސޯލިހްގެ ބޮޑުބޭބެ، މޫސާ ސޯލިހެވެ. މޫސާ ސޯލިހަކީ އެކުންފުނީގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވި ފަހުން، ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏެއްގެ ތެރެއިން މެނޭޖިން ޑިރެކްޓަރެއް ނުވަތަ ސީއީއޯއެއް ހަމަނުޖައްސާ އޮތް ހަމައެކަނި ކުންފުންޏަކީ އެމްއޭސީއެލް އެވެ.

އެއިއުލާންގައި ވާ ގޮތުން ސީއީއޯގެ މަގާމަށް ހުށައަޅާ މީހެއްގެ ތަޖުރިބާގެ ގޮތުން، އޭވިއޭޝަން ދާއިރާގައި މަދުވެގެން 15 އަހަރު ހޭދަކޮށްފައި ވާންޖެހޭނެއެވެ. އެ މުއްދަތުގައި ސީނިއާ މެނޭޖްމެންޓް ލެވެލްގައި 10 އަހަރު، އަދި "ސީ-ސޫޓް ލެވެލް" ގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ. ސީ-ސޫޓް ލެވެލް އަކީ ޗީފް އެގްޒެކެޓިވް އޮފިސަރު، ޗީފް ފައިނޭންސް އޮފިސަރު ފަދަ ކުރިއަށް ޗީފް އަންނަ މަގާމުތަކެވެ.

ތައުލީމީ ގޮތުން ޝަރުތެއް ކަމަށް ކަނޑައަޅާފައި ވަނީ އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގުރެޖުއޭޓް ޑިގްރީއެއް އޮތުމެވެ. ސީއީއޯ ނަގަނީ ފުރަތަމަ ތިން އަހަރުގެ މުއްދަތަށެވެ. އެކަމަކު އެގްރިމެންޓް އާ ކުރުމުގެ ފުރުސަތު ލިބޭނެކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އެމްއޭސީއެލްގެ ސީއީއޯގެ ބައެއް ޝަރުތުތަކުގެ ތެރޭގައި، ތަފާތު ގިނަ މަޝްރޫއުތައް އަލަށް އެކުލަވައިލާ ހިންގުމުގެ ގާބިލުކަމާއި އިސްނެގުން، ނިންމުންތައް ނިންމުމާއި މަޝްވަރާކުރުމުގައި ހަރުދަނާވުން، ކުންފުންޏެއްގެ މެނޭޖްމަންޓް ބަދަލުކުރުމުގެ ގާބިލުކަން (ބޮޑު ކުންފުންޏެއްގެ މެނޭޖްމަންޓް ބަދަލުކުރުމުގައި ބައިވެރިވެފައި ވުން.)، ކުންފުނީގެ ތަސައްވުރު ކަނޑައަޅައި، ސްޓްރެޓެޖީތައް އެކުލަވާލައި އަމާޒުތައި ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން ހުރުން، ކަންތައްތަކުގެ ތެރެއަށް ވަދެ އެކަށޭނަ ގޮތެއްގައި އެކަންކަމާ ކުރިމަތިލާ، އުނދަގޫ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރުން، މީހުން ތަރައްގީކޮށް ބިނާކުރުމުގެ ހުނަރު ހުރުން އަދި ސަރުކާރުތަކާއި ބައިނަލް އަގުވާމީ ޖަމާއަތްތައް އަދި މުޖުމައާ އެއްފަހަރާ މުއާމަލާތްކުރުމުގެ ގާބިލުކަން ހުރުން ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.

އެމްއޭސީއެލްގައި ގާތްގަނޑަކަށް 3،200 މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ. އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފައިވާއިރު، ކުންފުނީގެ ބޯޑުން މި ފަހުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކާ މެދު އޭވިއޭޝަން ދާއިރާގެ ބައެއް ތަޖުރިބާކާރުންނާއި އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތައްވަނީ އުފެދިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭއަށް ދޭން ކުރި މަސައްކަތަށެވެ. ސީދާ ރައީސް އައްޔަންކުރައްވާ ބޯޑެއް ނަމަވެސް އެމްއޭސީއެލްގެ ބޯޑުގެ ކޮންޓްރޯލް އޮތީ ޓީއެމްއޭގެ ވިޔަފާރީގެ މަސްލަހަތު އޮންނަ ބައެއްގެ އަތްމަތީގައި ކަމަށްބުނެ އާންމުންގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ގެންދަނީ ފާޑުކިޔަމުންނެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލުން ބުނީ އާ ސީޕްލޭން ޓާމިނަލްގެ ޖާގަ ދޭން އެއްވެސް ބަޔަކާ އެކު އަދި އެއްބަސްވުމެއް ހަދާފައިނުވާ ކަމަށެވެ. އެކަމަކު ޓީއެމްއޭއިން ނެރުނު ބަޔާނެއްގައި، އަފަދަ އެއްބަސްވުމެއް އޮތްކަން ދޭހަވެ އެވެ. އެ ބަޔާނަށް ފަހު މިހާތަނަށް އެމްއޭސީއެލުން މިކަމާއި ގުޅިގެން އިތުރު އެއްވެސް ބަޔާނެއް ނެރެފައި ނުވެއެވެ.