ލިބެމުންދާ މަރުގެ އިންޒާރުތަކަށް ހުއްޓުމެއް ނާންނަ ކަމަށާއި މިވަގުތު ބޭނުން ވަނީ ރާއްޖެ ދޫކޮށްދާން ކަމަށް ދަރުމަވެރިޔާ އަދި ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން ވިދާޅުވިއެވެ.

"ދަ ޕްރެސް" އަށް ހިޝާން ވިދާޅުވީ، މީގެ ކުރިންވެސް މަރުގެ އިންޒާރުތައް އެތަކެއް ފަހަރު ލިބިފައިވާ ކަަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދެތިން މަހެއްގެ ތެރޭގައި މަރުގެ އިންޒާރުތައް ވަރަށް ބޮޑަށް ލިބެމުން ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަގުމަތިން ދާއިރުވެސް މަރުގެ އިންޒާރުތައް ލިބޭ ކަަމަށެވެ. އެގޮތުން ހާއްސައެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން ސައިކަލުގައި ދިޔަ ދުވަހެއްގައި އެފަދަ ހާދިސާއެއް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ މަސްތަކެއް ކުރިން އިންޒާރުތައް އަންނަން ފެށީ، އަޅުގަނޑު ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން ސައިކަލްގައި ދަނިކޮށް ބަޔަކު ސައިކަލާ އަރާ ހަމަ ކުރީ، ހަމަކޮށްފަ ނެގީ ވަޅިއެއް، އަޅުގަނޑު ފަހަތުގައި އިން ކުއްޖާ ވަރަށް ބާރަށް ބުނީ، ހިޝާން ބޭބޭ ބޮޑު ވަޅިއެކޭ، އަޅުގަނޑު ބާރަށް ސައިކަލް ދުއްވާލީ، ގޮސް ބޮޑު މަގަށް އެޅީ، އަޅުގަނޑަކަށް އެވަޅި ނެގިތައް ނުފެނުނު، އެކަމު އެކުއްޖާއަށް ވަރަށް ރަނގަޅަށް ފެނުނު،" ހިޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައިނުވާނެ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ.

ދަރުމަވެރިޔާ އަދި ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން

އޭނާ ވިދާޅުވީ ފަހަކަށް އައިސް އިންޒާރުތައް ގިނަވެފައިވަނީ މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ ދެ މީހަކާ ދެކޮޅަށް ކޯޓަށް ވައްދާފައި އޮތް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެކޭސް އެމީހުންނާ އެއްކޮޅަށް ނިމުމުން، އެމީހުންގެ މައްޗަށް ދައުވާކުރި މީހުން ހިތްހަމަ ނުޖެހިގެން ކުރަމުން އަންނަ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެމައްސަލައަކީ އެ ދެމީހުންނަށް އޮޅުވާލައިގެން ބަޔަކު އެމީހުންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަމަށެވެ.

ހިޝާން ވިދާޅުވީ އެޗްއާރްސީއެމުން އެމައްސަލައާ ގުޅިގެން އެކުލަވާލި ރިޕޯޓްގެ ސަބަބުން އެކޭސް ކާމިޔާބު ކުރަން ވަރަށް ބޮޑަށް ފައިދާވި ކަމަށެވެ. ނަމަވެސް މިހާރު އޭނާއަށް ލިބެމުންދާ މަރުގެ އިންޒާރުތަކަކީ އެމައްސަލައާ ގުޅިގެން ލިބެމުންދާ މަރުގެ އިންޒާރުތަކެއް ކަމަށް، އެރިޕޯޓްގައި ހުރި ބައެއް ކޮމެންޓްތަކުން، ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ.

އޭނާ ވަނީ މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެރިޕޯޓްގައި އޭނާއާ ގުޅޭ ގޮތުން ވަރަށް ގިނަ ކޮމެންޓްތައް ހުރި ކަމަށާއި ނަމަވެސް އެއްވެސް މުއައްސަސާއަކުން އެކަމާމެދު އަޅާނުލާ ކަމަށެވެ. އަދި އެމައްސަލަ ބަލަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ނަމަވެސް އެއީ ކޮން މުއައްސަސާތަކެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

"އަޅުގަނޑުމެން ކަހަލަ ބޭފުޅުންވީމަ މައްސަލަ ނުބަލަނީ، ނަމަވެސް ފިލްމީ ތަރިއެއް ނުވަތަ އެނޫންވެސް މަޝްހޫރު މީހަކަށް ކަމެއް ދިމާވެއްޖެނަމަ ހުރިހާ މުއައްސަސާއަކުން ބަލާނެ،" ހިޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު މީހާ ހުންނަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި މަގުމަތިން މީހަކު މިހާރު ކައިރިވެލިޔަސް މީހާއަށް ސިހުންވާ ކަމަށެވެ. މީގެ ދެދުވަސް ކުރިންވެސް މަގުމަތިން ބަޔަކު އޭނާއާ ދިމާކޮށް މަރުގެ އިންޒާރުދީފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ބޭނުން ވަނީ ރާއްޖެ ދޫކޮށް ދާން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދަރުމަވެރިޔާ އަދި ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން

"މިހާރު ރާއްޖޭގައި ރައްކާތެރިކަމެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭ، އެހެންކަމުން މިވަގުތު ބޭނުން ވަނީ ރާއްޖެ ދޫކޮށްދާން، ކުޑަ ބްރޭކެއް ނަގާލަން، އެއްކޮށް ދާވާހަކައެއް ނޫން، ބޯހަމަޖައްސާލަން ބޭރަށް ޖައްސާލަން ބޭނުންވަނީ،" ހިޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަންކަމާ ގުޅިގެން ވަރަށް ދުވަސް ވަންދެން އެއްޗެއް ނުބުނެ ހުރެވިއްޖެ ކަމަށާއި ނަމަވެސް މިހާރު މިވާހަކަތައް ހިއްސާކުރަން ޖެހިފައި މިވަނީ ކެތް ނުވުމުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަމުގައި ފުލުހުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އެގޮތުން އޭނާގެ ކަންކަން ބެލުމަށް މިއަދުވެސް ފުލުހުން ގުޅާފައިވާ ކަމަށެވެ.